42 ވަނަ ބައި (ޝަކުވާ) ފަހުބައި
އެ ވަގުތު ސުނާނާ އައިސް ވަނެވެ.
"ކޮބާ އަދިވެސް ނުނިމޭތަ؟"
"މާޝާﷲ ވަރަށް ރީތި." ނަވްޔާ އަޅައިގެން ހުރި ރިހި ކުލައިގެ ޝޯލް ރީތިކޮށްލަމުން ސުނާނާ ބުންޏެވެ.
ނަވްޔާގެ އަތުގައި ހިފައިގެން ސުނާނާ ހިނގައިގަތުމުން އަޒްކާމެން ވެސް ފަހަތުން އައެވެ. ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައި އޮތީ ތިރީ ސިޓިންގްރޫމްގައެވެ. އެއީ ތަނަވަސް ބޮޑު ހޯލެއް ކަހަލަ ތަނެކެވެ. މެދުގައި ހުރި މޭޒުމަތީގައި ހުދު ލޭސް ފޮތިގަނޑެއް ފަތުރާލައިފައިވީ އިރު ތާޒާ ރަތް ފިނިފެންމަލުގެ ޓުކުރިއެއް މެދުގައި ބަހައްޓާފައި ހުއްޓެވެ. އިމާޒުގެ އެއްފަރާތުގައި ނިޒާރު އިން އިރު އެއް ގޮނޑިދޫކޮށްފައި އާމިރު އިނެވެ.
ސިޑީގެ ވަކި ހިސާބަކުން އިމާޒާ ނަވްޔާގެ ހަތަރުކަޅި ހަމަވިއެވެ. ހުދު ގަމީހެއްގެ މަތިން އަޅިކުލައިގެ ސޫޓެއް ލައިގެން އިން އިރު އިމާޒުގެ ފަން އިސްތަށިގަނޑު ޖެލް ލާ ސްޓައިލްކޮށްލާފައިވެއެވެ. ކަޅި ޖަހާ ނުލާ އިމާޒު ބަލަން ފެށުމުން ނަވްޔާގެ އިސްދަށަށް ޖަހައިލީ ގަތް ލަދުންނެވެ. ތިރިއަށް ފޭބި ވަގުތު އަކްޔަން ދުވެފައި އައެވެ.
"މަންމީ ހީވަނީ ޕްރިންސެސްއެއް ހެން." އަކްޔަން ބުންޏެވެ.
ނަވްޔާގެ ކައިރިއަށް ހިނިއައެވެ. ތިރިވެލާފައި އަކްޔަންގެ މޫނުގައި ބޮސްދިނެވެ. މިޝާ ގޮވައިލުމުން ދުވެފައި މިޝާމެންގެ ކައިރިއަށް އަކްޔަން ދިޔައެވެ. އިމާޒުގެ ކައިރީގައި ނަވްޔާ އިށީންއިރު އެ ހިތުގެ ވިންދު އަވަސްވެފައިވިއެވެ. އިމާޒު ނަވްޔާގެ ފިނިފިނި އަތްތިލައިގައި ހިފާފައި ބާރުކޮށްލަމުން ހިނިތުންވުމެއް ދިނެވެ. ގާޒީ ކައިވެނީގެ ޚުތުބާ ކިޔަމުން ދިޔައިރު ކަނުލާ އަޑުއަހަން ނަވްޔާ އިނެވެ. ކުރީ ފަހަރާ ޚިލާފަށް އެއިން ކޮންމެ ލަފްޒަކީ މާނަފުން ލަފުޒުތަކެއް ކަމުގައި ނަވްޔާއަށް ވިއެވެ. ކައިވެނި ކުރެވުމާއެކު އެކި މީހުން އައިސް ވަކިވަކިން ސަލާމްކޮށް ހެޔޮ ދުޢާ ކުރިއެވެ. ނިޒާރު އައިސް ބޮލުގައި ފިރުމައިލުމާ އެކު ނަވްޔާގެ ލޮލަށް ކަރުނަ ބޮނޑިވެގަތީ ލިބުނު ހިތްހަމަޖެހުމަކުންނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ނަސީމާގެ މޫނުމަތިން ފެންނަމުން ދިޔައީ މިއިން ދުވަހަކު ވެސް ނުފެންނަ ފަދަ އުފާވެރިކަމެކެވެ. އަމީނާ އައިސް ނަވްޔާގެ ނިތްކުރީގައި ބޮސް ދީފައި ހެޔޮ ދުޢާ ކުރިއެވެ.
ކައިވެނީގެ ޕާޓީ އޮތީ ދަރުބާރުގޭގައެވެ. ރަތް ފިނިފެންމަލާއި ހުދު އަލީގެ ކުދިކުދި ފާނޫޒުތަކުން މުޅި ހޯލް ޒީނަތްތެރި ކުރެވިފައިވެއެވެ. ގިނައިން އައީ އާމިރުމެންގެ ތިމާގެ މީހުންނާއި ރައްޓެހިންނެވެ. އޭގެ އިތުރުން ރަށުން ވެސް ބައެއް މީހުން އައެވެ. އިޔާދާއި ޝަމްނާ ބައިވެރިވުމުން އިމާޒަށް އުފާވެރިކަން ލިބުނެވެ. ޔަޝަލް ފެނުމުން އަޒްކާގެ މޫނަށް ވެސް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. މަޑު ވިލު ނޫކަލައިގެ ހެދުމުގައި މިރޭ އަޒްކާ ފެންނަލެއް ފުރިހަމައެވެ. މިވީ ދެ މަސް ދުވަހުގެ ތެރޭގައި އަޒްކާއަށް އައިސްފައި ވަނީ ހެޔޮ ބަދަލެކެވެ. ދިރިއުޅުމުގައި ދިމާވެފައިވާ މާޔޫސްކަމުން އަރައިގަންނަން ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވީ ނަވްޔާގެ އެހީތެރިކަމެވެ.
ނަވްޔާ އެންމެ އުފާވީ ކުދިން ގޮވައިގެން އައިސް ހުރި ހަރީރާ ފެނުމުންނެވެ.
"ދުނިޔޭގައި ހުރި ނަމަ މިރޭ ނިހާޔާ ވަރަށް އުފާވީސް." ހަރީރާ ބުންޏެވެ.
"ނިހާޔާ ވަރަށް ލޯބިވާނެ އިމާޒު ދެކެ."
ނަވްޔާ ބޯ ޖަހައިލި އިރު އެ ދެ ލޯ ފެންކަޅިވެފައިވިއެވެ.
ނަވްޔާގެ އަތްތިލައިގައި އިމާޒު ހިފާފައި ބާރުކޮށްލީ ނަވްޔާގެ ހިތުގެ އިހުސާސްތައް އެނގިގެން ކަހަލައެވެ. ނަވްޔާއަށް ދިމާވާ ކޮންމެ ކަމެއްގައި އިމާޒު ވާނެ ކަމުގެ ޔަގީންކަން ނަވްޔާއަށް ލިބުނެވެ.
ޕާޓީގެ ގަޑި ހަމަވެ، މެހެމާނުންތައް މަދުވެލުމުން ނިޒާރު ގަސްތުކުރީ ނަސީމާ ގޮވައިގެން ގެއަށް ދާށެވެ. ދާން ބޭނުންނުވި ނަމަވެސް ނިޒާރު ބާރު އެޅުމުން ނަސީމާ އެއްބަސްވީ ވަރުބަލިވެފައިވުމާ އެކު ވެސް މެއެވެ. ނަވްޔާ ގުދުވެ ނަސީމާއާ ބައްދައިލުމަށް ފަހު މާދަމާ އެގެއަށް ދާނެ ކަމުގައި ބުނުމުން ނަސީމާގެ ލޮލުން އުފަލުގެ ކަރުނަ ހިލުނެވެ. އަގުބޮޑު ޖަވާހިރެއް އަތުގައި އޮވެމެ އޭގެ އަގު ވަޒަން ކުރަން، ކުރިން ނޭނގުނީތީ އަބަދާއަބަދުވެސް ނަސީމާ ހިތާމަކުރާނެއެވެ. ނަވްޔާއަށް ޖެއްސުނު އަހުވަ ހިތަށްއަރާ ކޮންމެފަހަރަކު ކުށްވެރިކަން އިހުސާސް ކުރެވޭނެއެވެ. ނަމަވެސް ނަވްޔާގެ މައާފު ލިބި، އިމާޒުގެ ޙަޔާތުގެ ބައިވެރިއަކަށް ނަވްޔާ ވުމުން އެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވުނު ނަމަވެސް މާތްﷲއީ ފާފަ ފުއްސަވާ ރަޙްމާންވަންތަ ރަސްކަލާނގެއެވެ. އިންސާނުންނަށް އޮތީ ކުރެވުނު ކުށުގެ މައްޗަށް ހިތާމަކޮށް ތައުބާވުމެވެ.
ނަސީމާ ކާރަށް އަރުވަން ނިޒާރަށް އެހީތެރިވެދޭން އިމާޒު ދިޔައެވެ. އަޒްކާ ދާން ފެށުމުން ފަހުން އަޔަސް އެންމެ ރަނގަޅުކަމުގައި ނިޒާރު ބުންޏެވެ. އެތަކެއް ދުވަސް ފަހުން އަޒްކާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމާއި އުންމީދުގެ ކުލަވަރުން ނިޒާރުގެ އުފާވެރިކަން ދެ ގުނަ ވެފައިވެއެވެ.
ނަވްޔާއާއި އިމާޒަށް ޚާއްސަކުރެވިފައިވާ މޭޒު ކައިރިއަށް ދާން ނަވްޔާ ހިނގައިގަތީ އަޒްކާއާ އެކުގައެވެ. ވަރުބަލިވެފައިވާ ވަރުން އިށީނދެލަން ބޭނުންކަމުގައި ބުނެއެވެ. ތަންކޮޅަކަށް ދެވުނު ތަނުން ފަހަތުން ރިއާ ގޮވައިލި އަޑު އިވިގެން ނަވްޔާއާއި އަޒްކާ ހުއްޓުނެވެ. ދެ މީހުން އެއް ފަހަރާ ފަހަތަށް އެނބުރުނު ވަގުތު ފެނުނީ ރިއާގެ ކައިރީގައި ހުއްޓިލައިގެން ހުރި ހައްޔާނެވެ. ނަވްޔާގެ މޫނުމަތީގައިވި ހިނިތުންވުން ފޭދުނެވެ. އަޒްކާގެ އަތުގައި ހިފާ ބާރުކޮށްލެވުނު އިރު އަޒްކާ ވެސް ހުރީ ޝޮކެއްގައެވެ.
"ނަވް، ދި އިޒް ޔާން، ރިއާ ބުނީމެއްނު މީޓުކޮށްދޭނަމޭ."
"ޔާން، މިއީ ނަވް، މައި ކަޒިން."
"ދެން މިހިރީ ނަވްގެ ކަޒިން އަޒްކާ. ނަވްގެ ކައިވެނި ކުރެވުނީ އަޒްކާގެ ބޭބެ އިމާޒާ." ހީގަނެފައި ރިއާ ބުންޏެވެ.
"ހައްޔާން!"
ނަވްޔާއަށާއި އަޒްކާއާ ދެ މީހުންނަށް އެއްފަހަރާ ބުނެވުނެވެ.
"ކުރިން ވެސް ދަންނަންތަ؟" ހައިރާންވެފައި ރިއާ އެހިއެވެ.
ހައްޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމުގެ ކުލަވަރެވެ. މޫނުމަތިން ދާ ތިކިތައް ފޮހެލަމުން ހައްޔާން ކަރުކެހިލިއެވެ.
"ހޫނ، ވަރަށް ރަނގަޅަށް ދަންނަން. ތިއީ ހައްޔާން މާހިދު. އަހަރެމެންގެ ރަށު ކުއްޖެއް." ކުއްލިއަކަށް އަޒްކާއަށް ހަމަހޭވެރިކަންވި ކަހަލައެވެ.
"އެހެންތަ، ތިވީ މާ ރަނގަޅަކަށް ނު؟" ހެވިފައި ރިއާ ބުންޏެވެ.
"ރިއާ. އެހާ ގިނައިރު މަޑުކުރެވޭކަށް ނެތް. މި ވަގުތު ދަނީ އިނގޭ." ހައްޔާން ބުންޏެވެ.
ހައްޔާން ބޭނުންވީ ބޭޒާރުވުމުގެ ކުރިން ވީހާ ވެސް އަވަހަކަށް އެތަނުން ދާށެވެ. ރިއާގެ މޫނު މިލައިގެން ދިޔަ ނަމަވެސް އެއްބަސްވިއެވެ.
"ނޫނޭ، އެހާ އަވަހަށް ދާކަށް ނުވާނެ. ހިނގާ އެއްޗެއް ކާލަން." އަޒްކާ ބުންޏެވެ.
ހައްޔާންގެ މުލައްދަނޑިގައި އަޒްކާ ހިފައިލިއެވެ. އަލިފާނުގެ ބެލުމަކުން އަޒްކާއާ ދިމާއަށް ބަލައިލި ނަމަވެސް ރިއާގެ ކުރިމަތީގައި އެއްޗެއް ބުނާކަށް ހައްޔާނަކަށް ނުކުރުނެވެ.
"ރިއާ، އެބަ އަންނަން އިނގޭ، ހައްޔާނަށް ކާންދީފަ. ރަށު ކުއްޖެއްވީމަ ރަނގަޅަށް މެހެމާންދާރީ އަދާކުރަން ވާނެއެއްނު." އަޒްކާ ބުންޏެވެ.
"އާނ، އޯކޭ." ރިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ހައްޔާން ގޮވައިގެން އަޒްކާ ހިނގައިގަތުމުން ނަވްޔާއާ ދިމާއަށް ރިއާ ބަލައިލީ އަޒްކާ އުޅުނު ގޮތުން ހައިރާންވެފައި ހުރެއެވެ. ނަވްޔާގެ ހުދުވެފައިވާ މޫނު ފެނުމުން ކޮންމެވެސް ކަހަލަ ގޯހެއް އުޅޭހެން ހީވިއެވެ.
"ނަވް، ކިހިނެއްވީ؟" ރިއާ ކަންބޮޑުވިއެވެ.
"ރިއާ، ހައްޔާން އެއީ އެއީ.. "ނަވްޔާގެ އަރުތެރެ ބެދުނެވެ.
އެތަކެއް ދުވަސްފަހުން އެރޭގެ ބިރުވެރި ހަނދާންތަކުން ނަވްޔާގެ ހިތަށާއި ނަފުސަށް ލޮޅުން އަރައިފިއެވެ. އަމިއްލަ އާދޭހުގެ އަޑު ކަންފަތުގައި ގުގުމަން ފެށުމުން ކަންފަތުގައި އަތް އަޅައިލެވުނެވެ.
"ނަވް ވަޓްސް ރޯންގް؟" ނަވްޔާގެ ކޮނޑުގައި ރިއާ ހިފައިލިއެވެ.
"އަކްޔަން... ހައްޔާން." ނަވްޔާގެ އަޑު ތުރުތުރުލައެވެ.
ނަވްޔާ ބުނަން އުޅޭ އެއްޗެއް ނޭނގިފައި ރިއާ ހުއްޓެވެ. ކުޑަތަންކޮޅެއް ދުރަށް ދެވިފައި ތިބި އަޒްކާމެންނަށް ނަވްޔާގެ ނަޒަރު ހުއްޓުމާ އެކު ރިއާއަށް ވެސް އެ ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު ކުޅެން އުޅުނު އަކްޔަން ދުވަމުން ގޮސް ހައްޔާންގެ ފައިގައި ޖެހިފައި ވެއްޓުނެވެ. ހަމަ އެ ހިނދު އަކްޔަން ތެދުވެ ހެދުން ފޮޅައިލިއެވެ.
"ޢަކޫ." ކަންބޮޑުވެފައި އަޒްކާ އަކްޔަންގެ އަތުގައި ހިފިއެވެ.
އަކްޔަން ފެނުމުން ބޭއިޚްތިޔާރުގައި ހައްޔާނަށް ތިރިވެލެވުނެވެ. ލަސްލަހުން އަކްޔަންގެ މޫނުގައި ފިރުމައިލެވުނީ ބޭއިޚްތިޔާރުގައެވެ.
"މޫނަކަށް ތަދެއް ނުވޭ. ކަކުލަށް ތަދުވީ." އަކްޔަން ބުންޏެވެ.
އެ ދިމާއަށް ބަލަހައްޓައިގެން ރިއާއަށް ހުރެވުނެވެ. ހައްޔާނާއި އަކްޔަން އެއްކޮށް ފެނުމުން ނަވްޔާ ބުނި އެއްޗެއްގެ މާނަ ލަސްލަހުން ރިއާގެ ސިކުނޑިއަށް ރޭކާލާން ފެށިއެވެ. އެއާ އެކު ރިއާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ނަވްޔާއަށް ދިމާވި ގޮތް ރިއާއަށް ވެސް އޮތީ އެނގިފައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހައްޔާނަކީ ދެކެފަރިތަ މީހެއް ހެން ހީވީ ކީއްވެކަން ރިއާއަށް އެ ވަގުތު އެނގުނެވެ.
"އޯ މައި ގޯޑް. އިޒް ހީ..؟" ލޯ ބޮޑުކޮށްފައި ރިއާ އަހައިލިއެވެ.
ރިއާއަށް ޖަވާބު ދިނުމަކާ ނުލާ ނަވްޔާ އަވަސްއަވަހަށް އަޒްކާމެންނާ ދިމާއަށް ދިޔައެވެ. ހައްޔާންގެ ހިޔަނި ވެސް އަކްޔަންގެ ހަޔާތަށް އެޅުމަކަށް ނަވްޔާ ނޭދެއެވެ. ދިޔަ ގޮތަށް ގޮސް ހައްޔާނާއި އަކްޔަންގެ ދޭތެރެއަށް ނަވްޔާ ވަނެވެ.
"އަކޫ ދޭ ބަލަ ކުޑަބެއަށާއި ދޮންތިމެންނަށް ހެލްޕްކޮށްދެން."
މާކިންމެން ދައްކާލައިފައި ނަވްޔާ ބުންޏެވެ. އޭރު އާމިރުގެ ފަހަތުން މާކިންއާއި މިޝާމެން ޕާރްސަލްތައް ހިފައިގެން ދެއެވެ. އިތުރަށް ނަވްޔާއަށް ބުނާކަށް ނުޖެހުނެވެ. އަކްޔަން އެ ދިމާއަށް ދުއްވައި ގަނެފިއެވެ. އަކްޔަން ދިޔުމުން ހައްޔާން ލަސްލަހުން ތެދުވިއެވެ.
"ކަލޭގެ ތި މުޑުދާރު އަތުން މަގޭ ދަރީގެ ގައިގައި އަތްޖައްސައިލައިގެން ވެސް ނުވާނެ." އިނގިލި ދިއްކޮށްފައި ނަވްޔާ ބުންޏެވެ.
ހައްޔާން ކުޑަކޮށް ދެ އަތް މައްޗަށް އުފުލައިލިއެވެ. ނަވްޔާއާ ޖަދަލުކޮށް، ބޭޒާރުވާކަށް ހައްޔާން ނޭދެއެވެ. ރިއާ ކަހަލަ މުއްސަނދި ކުއްޖެއް ހައްޔާންގެ ޙަޔާތަށް އައުމުން ނަސީބު އަތުގައި ހިފީކަމަށް ހީކޮށް ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ ރިއާގެ އާއިލާގެ މެންބަރަކަށް ނަވްޔާ ވީ ކިހިނެއް ހެއްޔެވެ؟ ހައްޔާނަކަށް ނޭނގުނެވެ. އެކަމަކު އެޅޭ އެންމެ ކަތި ފިޔަވަޅަކުން ވެސް ލިބިފައިވި ނަސީބު ބީވެދާނެ ކަން ހައްޔާނަށް އެނގެއެވެ. އެ ވަގުތަށް އެންމެ ބުއްދިވެރި ގޮތަކީ ރިއާއަށް ފަޅާ ނާރަނިސް އެ ތަނުން ދިޔުމެވެ. ފަހުން ކޮންމެވެސް ވާހަކައެއް ދައްކައިގެން ރިއާ ހައްލައިލެވިދާނެއެވެ. ދާންވެގެން ހައްޔާން އެނބުރިލިއިރު ކުރިމަތީގައި ހުރީ ރިއާއެވެ.
އެ ވަގުތު އަތް އުފުލާފައި ރިއާއަށް ޖެހުނު ބާރަކަށް ހައްޔާންގެ ކަންކަށިމަތީގައި ޖެހިއެވެ.
"ރިއާ!"
"ނުކުމޭ، ހަމަ މިހާރު ނުކުމޭ." ރިއާގެ ދެ ލޮލުގައި ވަނީ ހިތާމައާއި ރުޅިވެރިކަން އެކުލެވިގެންވީ ކަރުނައެވެ.
ހުރިހާ ކަމެއް އެނގިއްޖެކަން ރިއާގެ ކަރުނަ ހެކިދިނެވެ. އިތުރަށް ހައްޔާން ދައްކާނެ ވާހަކައެއް ނެތެވެ. މީގެ ކުރިން ހައްޔާންގެ މައްޗަށް ފިދާވި އަޒްކާއާއި ނަވްޔާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައްޔާނަށް ޓަކައި އެ ހިތްތަކުގައިވާ ނަފްރަތެވެ. އަޒްކާގެ މަލާމާތުން ފުރިގެންވީ ހިނިތުންވުން ފެނި ރުޅި އައި ނަމަވެސް އިސްދަށަށް ޖަހައިލައިގެން ހުރެ ނުކުންނަން ހައްޔާން ހިނގައިގަތެވެ. އަކްޔަންގެ ސޫރަ ސިފަވުމުން ހައްޔާންގެ ހިތުގައި ރިއްސައިލިއެވެ. އަކްޔަން ފެނުމުން އަތުގެ ތެރެއަށް ލާ ފޮރުވައިލަން ހިތް އެދުނީ ކީއްވެކަން ވިސްނިފައި އޮތުމުންނެވެ.
ވަކި ހިސާބަކަށް ދެވުނު ތަނުން ކާރަށް ނަސީމާ އަރުވާފައި ވަދެގެން އައި އިމާޒު، ހައްޔާންގެ ލޮލުގައި އަޅައިގަތެވެ. އަކްޔަން ހުރީ އިމާޒުގެ އަތުގައި ހިފައިލައިގެންނެވެ. އިމާޒު ކޮންމެވެސް އެއްޗެއް ބުނުމުން އިސް އުފުލާލައިފައި އިމާޒާ ދިމާއަށް ބަލައިލަމުން އަކްޔަން ހީނލިއެވެ. އިމާޒާއި އަކްޔަންއާ ދެމެދު ބައްދަލު ކުރެވުނު ހިނިތުންވުން ފެނިފައި ހައްޔާންގެ ހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޯވިއެވެ. އިމާޒުގެ ލޯތްބަށް ޓަކައި ހުޔޫން ހާދަ އާދޭހެއް ކުރިއެވެ. ނަމަވެސް އެ އާދޭހަށް ބީރު ކަންފަތެއް ދީފައި އިމާޒު މާލެއައީއެވެ. ބޭނުންވި ކޮންމެ އެއްޗެއް ލިބިގެން ބޮޑުވި ހުޔޫނަށް އެކަންވީ ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށެވެ. މާޔޫސްވެ، ޑިޕްރެޝަންގެ ޝިކާރައަށް ވީ ހައްޔާންމެންގެ ލޯ ކުރިމަތީގައެވެ. އެންމެފަހުން އަމިއްލަ ނަފުސަށް ގެއްލުންދޭ ހިސާބަށް ދިޔައެވެ. ހުޔޫންއާއި ހުމެއިދާމެން ގޮވައިގެން މިފަހަރު މާލެ އައިސް މި އުޅެނީ ވެސް ހުޔޫނަށް ފަރުވާ ކުރުމަށެވެ.
އިމާޒު ލޯބިވަނީ ނަވްޔާދެކެ ކަން ހުޔޫންގެ ފަރާތުން ހައްޔާނަށް އެނގިފައިވިއެވެ. އެ ލޯތްބަށް ޓަކައި މުޅި އުމުރު ދުވަހު އިންތިޒާރު ކުރަން އިމާޒު ހުރީ ތައްޔާރަށް ކަމަށް އިމާޒު ބުނިކަމަށް ވެއެވެ. މިއަދު އިމާޒުގެ ހުވަފެންތައް ހަގީގަތަކަށްވި އިރު ހައްޔާންގެ ހައްގެއް ވެސް އިމާޒު ޖަހައިގަތީހެން ހައްޔާނަށް ހީވިއެވެ. ނަފްރަތާއި ހަސަދައިގެ ގިނިން ހިތް އަދަމުން ދިޔަވަރުން ވަށައިގެންވާ ކަންތައްތަކަށް ވެސް ހައްޔާނަކަށް ސަމާލުކަމެއް ނުދެވުނެވެ. ބަލައިލުމެއް ވެސް ނެތި މަގު ހުރަސް ކުރި ވަގުތު ބާރު ސްޕީޑެއްގެ ދުއްވާފައި އައި ސައިކަލެއްގައި ޖެހި، ވިއްސައިގެން ގޮސް ޕިކަޕެއްގެ ދަށުވިއެވެ.
އެކްސިޑެންޓްގެ ޚަބަރާއެކު މާހިދާއި ހުމައިދާ ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް ދިޔައެވެ. ލިބުނު ގެއްލުމުގައި ހައްޔާންގެ އެއް ފައި ޗިސްޗިސްވެ ބުރިކޮށްލަން ޖެހޭ ވާހަކަ ބުނުމުން ހުމެއިދާގެ ހެޔަށް ގޮތްވިއެވެ.
**************
ފޯނުގެ އެލާމްގެ އަޑަށް ބަރުވެފައިވާ އެސްފިޔަތައް ލަސްލަހުން ނަވްޔާ ހުޅުވައިލިއެވެ. ދާދި ގާތުގައި ނިދިފައި އޮތް އިމާޒުގެ މޫނުގައި ނަވްޔާ ލޯތްބާ އެކު ފިރުމައިލިއެވެ. ރޭގެ މަތިން ހިތަށް އެރުމާ އެކު ނަވްޔާއަށް ހިނިތުންވެލެވުނެވެ. އިމާޒުގެ ކެތްތެރިކަމާއި ލޯބިވެތި ބީހުންތަކުން، ބިރާއި ޖެހިލުންވުމުގެ އޮޅި ގިރާކުރެވި، ކައިވެނީގެ ފޮނި މީރުކަން ނަވްޔާއަށް ރޭގައި އިހުސާސް ކުރެވުނީ އެންމެ ފުރިހަމަ މާނައިގައެވެ. އިމާޒުގެ ނިތްކުރީގައި ބޮސްދިނުމަށް ފަހު ނަވްޔާ ތެދުވެ ފާޚާނާއަށް ވަނެވެ. ފެންވަރައިގެން ދޫ ހެދުމަކާއި ހަރުވާޅެއް ލައިގެން އައިސް އިމާޒުގެ މޫނަށް އިސްތަށިގަނޑުން ފެންބުރުވައިލިއެވެ. އެ ވަގުތު ކުއްލިއަކަށް ނަވްޔާގެ އަތުގައި ހިފާފައި ދަމައިގަތުމުން ނަވްޔާ ގޮސް ޖެހުނީ އިމާޒުގެ ހާމައަށް އޮތް މޭމަތީގައެވެ.
"އައި ލަވް ޔޫ ނައްޔަ." ނަވްޔާގެ ކަންފަތް ދޮށުގައި ނިދިއަޑަކުން އިމާޒު ބުންޏެވެ.
ކުއްލިއަކަށް ކަމެއް ހަނދާން ވެގެން ތެދުވާ ކަހަލަ ގޮތަކަށް ނަވްޔާ ތެދުވިއެވެ. ބޮކި ދިއްލައިލުމަށް ފަހު އަލަމާރި ކައިރިއަށް ގޮސްފައި ވަތްގަނޑު ހުޅުވައިލިއެވެ. އިމާޒު ލޯ އުނގުޅަމުން ތެދުވެ، ނަވްޔާ ކުރާކަމެއް ބަލަން އިނީ ޝައުގުވެރިކަމާ އެކުގައެވެ. އަލަމާރީގެ ވަތްގަނޑުން ފެހިކުލައިގެ މަހުމާ ޖެހި ފޮއްޓެއް ހިފައިގެން އައިސް އިމާޒުގެ ކައިރީގައި ނަވްޔާ އިށީނެވެ. އޭގެ ތެރެއިން ނެގި އަތުގައި އަޅާ އެތިކޮޅު ދައްކައިލުމުން އިމާޒު އޭތިކޮޅުގައި ހިފާފައި ބަލައިލިއެވެ. އިމާޒުގެ މޫނަށް ހައިރާންކަން ވެރިވިއެވެ.
"ނައްޔައަށް ކިހިނެއް މި ކެވެލިކޮޅު ލިބުނީ؟" އިމާޒު އެހިއެވެ.
"ތިއީ މާޒްގެ އެއްޗެއްތަ؟"ނަވްޔާ ވެސް ސުވާލެއް ކުރިއެވެ.
"ނޫން، ތިއީ ހައްޔާންގެ އެއްޗެއް."
ނަވްޔާގެ މޫނަށް ވެރިވީ މާޔޫސްކަމެވެ.
"އެއްކަލަ ރޭ ޕާޓީގައި ހައްޔާންގެ އަތުން އަތުލާފައި އަހަރަން އެޅީ ފަހުން ދޭނަމޭ ކިޔާފައި. އެކަމަކު އަނެއް ދުވަހު ހެނދުނު ހޯދާހޯދާ ވެސް ނުފެނުނު." އިމާޒު ބުންޏެވެ.
"ވެއިޓް. އެރޭ ނަވްޔާ ގޮވައިގެން ސިއްހީ މަރުކަޒަށް ދިޔައިރު ތި އެތިކޮޅު އަހަރެންގެ އަތުގައި އޮންނާނެ." ހަނދާން ކުރަމުން އިމާޒު ބުންޏެވެ.
"އަހަރެން އުފުލައިލައިގެން ގެންދިޔައީ މާޒްތަ؟" ޔަގީން ކުރަން ބޭނުންވެފައިވާ ފަދައަކުން ނަވްޔާ ބުންޏެވެ.
"ހޫނ، ނައްޔަ އޭރު ވެސް ހާދަ ބަރޭ."
ނަވްޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
"ހޭއި، ރޮނީތަ؟ އެއީ އެހެން ބުނި އެއްޗެއް ނޫނޭ." ކަންބޮޑުވެފައި އިމާޒު ބުންޏެވެ.
އަދި ނަވްޔާ ގެނެސް އަތުގެ ތެރެއަށް ލުމަށް ފަހު އިސްތަށިގަނޑުގައި ބޮސް ދިނެވެ.
"އަސްލު އަހަރެންގެ ހިތުގައި ނަވްޔާގެ މައްޗަށް ގޮތް ނޭނގޭ އިހުސާސްތަކެއް އުފެދެން ފެށީ އެރެއަށް ފަހު. އޭރު ނޭނގޭ އެ ވެވެނީ ލޯބި ކަމެއް. އެކަމަކު އެ ރެއަށް ފަހު އަބަދު ވެސް ނަވްޔާއާ ދޭތެރޭގައި ހާއްސަގޮތެއް ބެހެއްޓޭ. ނަވްޔާގެ ލޮލުން ހިތާމައިގެ އަސަރު ފެންނަ ކޮންމެ ފަހަރަކު މި ހިތަށް ވެސް ގޮތެއް ވޭ. ރުޅި އަރުވާލެވެނީ އެހެންވެ. އޭރުން ހިތާމައިގެ ބަދަލުގައި އެހެން ޝުއޫރެއް ތި ލޮލުން ފާޅުވޭ."
ނަވްޔާ ބާރުބާރަށް އިމާޒުގެ ގައިގައި ބައްދައިލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނައަކީ އުފަލާއި ހިތްހަމަޖެހުމުގެ ކަރުނައެވެ. ނޭނގި ނަމަވެސް ނަވްޔާގެ ހިތުގައި އެންމެ ފުރަތަމަ ވިންދު ޖެހީ އިމާޒަށް ޓަކައި ކަން ޔަގީންވުމުންނެވެ. އެ ހިތް އޭރުންސުރެ އެދުނީ އިމާޒުގެ ފަރާތުން ލިބުނު ރައްކާތެރިކަމާއި ހިމާޔަތަށެވެ. ކަރުނައިގެ ތެރެއިން އެ ވާހަކަތައް އިމާޒަށް ނަވްޔާ ކިޔައިދިނެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ އެ ދެމީހުން އެހެން ތިއްބައެވެ.
ފަތިސް ނަމާދުކޮށް ނިމިގެން ޝުކުރުގެ ސަޖިދައެއް ނަވްޔާ ކުރިއެވެ. މާތްﷲއީ އަޅުތަކުން ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެއެވެ. ހިތުގެ ހާލަތު އެންމެ ބޮޑަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ނަވްޔާ ދެކެ ލޯބިވާ ހެޔޮލަފާ ރަނގަޅު ބައިވެރިއަކު މިންވަރު ކުރެއްވުމަށް ނަވްޔާ ކުރި ދުޢާ މިއަދު އިޖާބަކުރައްވައިފިއެވެ. ކަމެއް ހާސިލުނުވެ ލަސް ވުމުގައި ވެސް ހިކުމަތެއް ވެއެވެ. މިއަދު ނަވްޔާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެ ހިތް ފުރިފައިވަނީ ހަމްދާއި ޝުކުރުންނެވެ.
(ނިމުނީ)