ads
ބީޢެމްއެލްގެ ޗެއާޕާސަން އަލީ ހަބީބް އާއި ސީއީއޯ މުހައްމަދު ޝަރީފް ސުވައިޕްގެ އާ ފީޗާތައް ތައާރަފްކުރައްވަނީ. - ފޮޓޯ: ބީއެމްއެލް
"ސްވައިޕް" މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓް ހުޅުވޭނެ ހިދުމަތް ތައާރަފުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ޚިދުމަތުގެ ތަފްސީލު ހާމަކޮށްފި އެވެ.
Advertisement

މި ހިދުމަތް ތައާރަފް ކުރީ މިއަދު ބާސެލޯ ނަސަންދުރާގައި ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި މި 'ސްވައިޕް'ގެ އާ ފީޗާތައް ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ. 

މި ފީޗާއާއެކު ދިވެހި ކަސްޓަމަރުންނަށް "އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު" ހިމެނޭ ބައިނަލްއަގުވާމީ އެކައުންޓެއް ހުޅުވައި، ބޭރު ގައުމުތަކުގެ ބޭންކުތަކުން ފަސޭހަކަމާއެކު ފައިސާ ލިބިގަތުމަށް މަގުފަހިވެގެންދާނެ އެވެ.

ޑޮލަރު، ޔޫރޯ، އަދި ޕައުންޑުން އިންޓަރނޭޝަނަލް އެކައުންޓް ހުޅުވޭއިރު، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ކަރަންސީތަކުން ފައިސާގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ޓްރާންސްފާ ފުރިހަމަވުމާއެކު ވަގުތުން ކަސްޓަމަރުގެ ސްވައިޕް އެކައުންޓަށް ފައިސާ ޖަމާވާނެ އެވެ. ސްވައިޕް މެދުވެރިކޮށް ކުރާ ޕަރސަން-ޓު-ޕަރސަން ޓްރާންސްފާތަކަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބައިނަލްއަގްވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި، މީގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާއެކު މުޢާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ އެވެ. 

އޭގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ 2030 ވަނަ އަހަރު އަންނަ އިރު ޖީޑީޕީއަށް 15 ޕަސެންޓް ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުން ކަމަށް ވާއިރު އެ އަމާޒަށް ވާސިލްވުމަށް ސްވައިޕް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު ރަސްމީކޮށް ތައާރަފްކުރި "ސްވައިޕް" ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފަ އެވެ. ފަސޭހަކަމާއެކު ފައިސާ ދެއްކޭ މި ހިދުމަތަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި 3,300 އަށްވުރެ ގިނަ މާޗަންޓުން މިހާރުވެސް މި ހިދުމަތް ބޭނުންކުރަމުންދާއިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ހިދުމަތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;