މި ޕްރޮގްރާމްގެ ދަށުން ތިން ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކަށް ޚާއްސަ 8 އެވޯޑަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންގެ އަގުވަޒަންކުރުމަށް ދޭ 3 އެވޯޑެއްގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ބޮޑު އެއްބާރުލުމެއްދޭ ރަށަކަށްދޭ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" ހިމެނެ އެވެ.
މި އެވޯޑު ދިނުމުގެ މައިގަނޑު މަގުސަދަކީ ހިދުމަތުގެ ފެންވަރު ރަނގަޅަށް ދިނުމާއި، ދިވެހިވަންތަ ސަގާފީ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް މަސައްކަތްކުރުމުގެ އިތުރުން ރަށްރަށުގެ ތަރައްގީއަށާއި މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށް އެމްއައިބީން ބުންޏެވެ.
އެވޯޑުގެ ހުރިހާ މަރުހަލާއެއްގެ އިވެލުއޭޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިނިވަން އަދި ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން ކަމަށާއި މިއެވޯޑުތަކުގެ މިނިވަން އިވެލުއޭޝަން ޕާޓްނަރެއްގެ ގޮތުގައި އެމްއައިބީން ހަމަޖައްސާފައިވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީ ކަމަށް އެމްއައިބީން ބުންޏެވެ.
މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން އެމްއައިބީގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ. ފޯމާއެކު ގެސްޓުންގެ ރިވިއުތަކާއި، ފޮޓޯ، ވީޑިއޯ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ އެވެ.
އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;