ads
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގަވަރުނަރު އަހްމަދު މުނައްވަރު ބައްލަވާ ލައްވަނީ - ފޮޓޯ: ރައީސް އޮފީސް
ފައިނޭންޝަލް އެކްސްޕޯ: މާލީ ދާއިރާގެ ހޭލުންތެރިކަމާއި އާ އީޖާދުތައް ފެނުނު!
މި ޖުލައި 2-4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" އަށް ވަދެ އިރުކޮޅެއް ނަމަވެސް ހޭދަކޮށްލި ކޮންމެ މީހަކަށް ވެސް، މާލީ ދާއިރާގެ ހޭލުންތެރިކަމާއި އާ އީޖާދުތައް އަދި ބޭންކްތަކުން ލިބެން ހުރި އެންމެ ފަހުގެ ހިދުމަތްތައް، އެއްވެސް ހުރަހެއް ނެތި އޮޅުންފިލުވާލުމަށް ފުރުސަތު ލިބިގެން ދިޔަ އެވެ.
Advertisement

މަރުކަޒީ ބޭންކު އެމްއެމްއޭ އިން އިސްތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ މި އެކްސްޕޯ މިފަހަރު ހާއްސަކޮށްފައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ މާލީ ދާއިރާގެ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތްތަކުގެ މައުލޫމާތު އެއްތަނަކުން ފެންނާނެ ގޮތަށެވެ. މި އެކްސްޕޯގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ދޫކުރާ އިދާރާތަކާއި މާލީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ދައުލަތުގެ އިދާރާތައް ބައިވެރިވި އެވެ. 

މިއަހަރުގެ އެކްސްޕޯގެ މި އަހަރުގެ ޝިއާރަކީ "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު" އެވެ. މި ޝިއާރުގެ ދަށުން އީޖާދީކަމަށް ނުވަތަ އިނޮވޭޝަނަށް އިސްކަންދީފައިވާ ކަމަށް އެމްއެމްއޭން ބުންޏެވެ. މީގެ އިތުރުން، އެމްއެމްއޭން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރު އެވޯޑްސް"ގައި ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަނަށް ހާއްސަ އެވޯޑެއް ހިމަނާފައިވުމަކީ، މާލީ ދާއިރާ ތަރައްގީކުރުމުގައި ޓެކްނޮލޮޖީއަށް ދެވޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
  • އެމްއައިބީން 50،000ރ.ގެ އިނާމެއް ދިން

ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވި އެމްއައިބީން މުހިންމު ފުރުސަތުތަކެއް ފަހިކޮށްދިނެވެ. އެގޮތުން ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ހުޅުވާލެވިފައިވާ ލޯނު ސްކީމްތަކާއި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ތަފްސީލް އޮޅުންފިލުވައިދިނެވެ. ވަކިން ހާއްސަކޮށް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ހޮވާ 50,000 ރުފިޔާ ހަދީޔާ ކުރި އެވެ.

މީގެ އިތުރުން:

- އިސްލާމިކް ބޭންކިންގް ސޮލިއުޝަންސް: އެމްއައިބީގެ ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިން.

- ޑިޖިޓަލް އިނޮވޭޝަންސް: ބޭންކުގެ އެންމެ ފަހުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތަޖުރިބާކޮށްލެވުނު

your imageމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުރި އެމްއައިބީގެ ސްޓޯލް

 

އެކްސްޕޯއިން ދިމާވި ބައެއް މީހުން ބުނި ގޮތުގައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ ދާއިރާގެ އެކި މުއައްސަސާތަކުގެ ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު އެއްތާކުން ލިބެން ހުރުމަކީ ލިބުނު ވަރަށް މުހިންމު ފަހި ފުރުސަތެއް ކަމަށެވެ. އަދި ހިދުމަތްތައް ދައްކާލުމަށް ބާއްވާ ހަރަކާތްތަކާއި ވަކިވަކި ފަރާތްތަކާ އެކު ކުރެވޭ މަޝްވަރާތަކުގެ އެހީގައި، އަމިއްލަ މާލީ ކަންކަމާއި ވިޔަފާރީގެ ބޭނުންތަކަށް އެ ހިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ސާފުވި ކަމަށެވެ.

".... މީ އެންމެ ފަހުގެ ހިދުމަތްތައް ބާޒާރަށް ނެރުމަށް ބޭނުންކުރާނެ މުހިންމު މައިދާނެއް، މި އެކްސްޕޯ ސަބަބުން، އެ ހިދުމަތްތައް ފަރުމާކުރި ފަންނީ މާހިރުންގެ ފަރާތުން ސީދާ މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ފަހިވެގެންދިޔަ. މާލީ ދާއިރާގެ އާ އީޖާދުތަކާއި ގުޅޭ އިތުބާރު ހިފޭ ސައްހަ މައުލޫމާތު ލިބިގެން ދިއުމަކީ މުހިންމު ކަމެއް، އަދި މިފަދަ އެކްސްޕޯގެ ސަބަބުން ވަގުތު ސަލާމަތްވެ ކުންފުނިތަކުގެ ފެންވަރު އެއްތާކުން ވަޒަން ކުރުމަށް ފުރުސަތު ލިބޭ،" ސްޓޯލަކުން ދިމާވި މީހަކު ބުންޏެވެ.
  • ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ އާ ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފަންޑު ތައާރަފު ކުރި

މި އަހަރުގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ތެރެއިން ވަނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އިން އެ ކުންފުނީގެ އާ ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފަންޑު ވެސް ތައާރަފުކޮށްފަ އެވެ. 

މިއީ ދިވެހި އިންވެސްޓަރުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހިވެގެންދާ އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރާ ފަންޑެކެވެ. 

އެ ފަންޑަކީ "ފްރެކްޝަނަލް އޯނަަޝިޕް" މޮޑެލްއެއްގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިކުއިޓީ އިންވެސްޓްމަންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންވެސްޓަރުންނަށް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފަންޑެކެވެ. އާދައިގެ މަތިން މުދާ ނުވަތަ ރިއަލް އެސްޓޭޓް މިލްކުކުރުމާ ހިލާފަށް، މި ފަންޑުގެ ސަބަބުން ކުޑަ ރައުސްމާލަކާއެކު ހޮސްޕިޓާލިޓީގެ ވަސީލަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންދެ އެވެ.

your imageދިވެހި އިންވެސްޓްމަންޓްގެ އައު ހޮސްޕިޓާލިޓީ ފަންޑު ތައާރަފްކުރުމުގެ ތެރެއިން - ފޮޓޯ: ދިވެހި އިންވެސްޓްމަންޓްސް

މި ފަންޑުގެ ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުން ކ. މާފުށީގައި 60 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އިންވެސްޓްމަންޓްގެ ޒަރީއާއިން އިންވެސްޓަރުންނަށް ދިވެހި ރުފިޔާގެ އިތުރުން ޔޫއެސް ޑޮލަރުން ވެސް ފައިދާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ޑީއައިޕީ އިން ބުނި ގޮތުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މާފުށި އިހުތިޔާރުކުރީ، އެ ރަށަކީ ދެމެހެއްޓެނިވި ގޮތެއްގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ، އޮކިއުޕެންސީ މަތި އަދި މާކެޓުގެ އެންމެ ކުރީގައި އޮތް އެއް ރަށް ކަމަށްވާތީ އެވެ.

މި ހޮސްޕިޓާލިޓީ ފަންޑަކީ ޑީއައިޕީ އިން މިހާރުވެސް ހިންގަމުންދާ "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" އަށް މާކެޓުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ތަޢާރަފުކުރި ފަންޑެކެވެ. އެ ފަންޑުގެ އިންވެސްޓްމަންޓް ސީރީޒްތަކުން ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކުން ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިދާއެއް ހޯދައިދޭއިރު، އައު ހޮސްޕިޓާލިޓީ ފަންޑު ފަރުމާކޮށްފައިވަނީ އިކުއިޓީ އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. މިއީ ހޮސްޕިޓާލިޓީގެ ވަސީލަތްތަކުން ދިގު މުއްދަތުގައި ލިބޭ ކުރިއެރުމުގައި އިންވެސްޓަރުންނަށް ސީދާ ބައިވެރިވެވޭނެ ގޮތެކެވެ.

  • ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، ފައިސާގެ އިނާމުތަކުގެ އިތުރުން ޗުއްޓީ ދަތުރުތައް

މި އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަނގާ ނަސީބުވެރިއަކަށް 25,000 ރުފިޔާގެ އިނާމެއް ވެސް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ދިނެވެ. އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން އިތުރު ނަސީބުވެރިންނަށް އެ ނޫން އެހެން އިނާމުތައް ވެސް ވަނީ ދީފަ އެވެ. އެގޮތުން އެކްސްޕޯ ކުރިއަށްދިޔަ ކޮންމެ ދުވަހަކު ފަސް އައިޕެޑް ގުރުއަތުން ހޮވުނު ފަރާތްތަކަށް ދިނެވެވެ. އަދި ދެ މެކްބުކް ނިއޯ އާއި ދެ އެޕަލް އިއާޕޮޑް ވެސް ދިނެވެ.

މާލީ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި މި ހަރަކާތުގައި ފައިސާގެ އިނާމުތަކުގެ ގޮތުގައި ތަފާތު އަދަދުތަކުގެ ގިފްޓް ކާޑުތައް ދިނުމަށް ވެސް ވަނީ ދީފަ އެވެ. މީގެ ތެރޭގައި 5،000 ރުފިޔާގެ ތިން ގިފްޓް ކާޑާއި، 1،000 ރުފިޔާގެ 12 ގިފްޓް ކާޑުގެ އިތުރުން 500 ރުފިޔާގެ 30 ގިފްޓް ކާޑު ހިމެނެ އެވެ. އަދި ހާއްސަ ހަނދާނީ ނޫޓުގެ ގޮތުގައި ކޮންމެ ދުވަހަކު 5،000 ރުފިޔާގެ ހަތް ނޫޓު ވެސް ވަނީ ދީފަފަ އެވެ.

މި އެކްސްޕޯގެ ނަސީބުވެރިންނަށް ލިބުނު އެންމެ ހާއްސަ އެއް އިނާމަކީ ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެކެވެ. މިއީ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ލިބުނު ވަރަށް ފުރިހަމަ ޗުއްޓީ ދަތުރެކެވެ. މި ހުރިހާ އިނާމުތަކަކީ ވެސް އާންމުންގެ މެދުގައި މާލީ ދާއިރާއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ދެވޭ އިނާމުތަކެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ. 

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ މަގްސަދަކީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ހިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ މާލީ މުސްތަގުބަލު ބައްޓަންކުރަމުން އަންނަ އާ އީޖާދުތަކާއި ހިދުމަތްތައް ދައްކާލުމެވެ. 

އެކްސްޕޯގެ ސްޓޯލްތަކުގެ އިތުރުން މާލީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަކޮށްގެން ޕެނަލް ޑިސްކަޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރު ކުރުމާއި، މާލީ ހޭލުންތެރިކަން އިތުުރު ކުރުމާއި މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

your imageފައިނޭންޝަލް އެކްސްޕޯ ހުޅުވުމަށްފަހު ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގައި ހިދުމަތް ދޭ ބޭންކްތަކުގެ އިސްވެރިން ބައިވެރިވަނީ -- ފޮޓޯ: މިހާރު

ދުނިޔޭގެ މާލީ ދާއިރާއަށް ޑިޖިޓަލް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ މާލީ މުއައްސަސާތަކުން ވެސް އަންނަނީ ޑިޖިޓަލް ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ލިބިގަނެވި، ބޭންކުތަކަށް ދާންޖެހޭ މިންވަރު ވަނީ މަދުވެފަ އެވެ. މިއީ ވަސީލަތްތައް މަދު ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ މި އެކްސްޕޯއަކީ މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތައް، އެއްވެސް ހުރަހެއް ނެތި އޮޅުންފިލުވާލުމަށް ލިބުނު ތަފާތު ޒަމާނީ ފުރުސަތެކެވެ. ޑިޖިޓަލް ވޮލެޓް، ވިޔަފާރި ފައިނޭންސިން، އިންވެސްޓްމަންޓް ނުވަތަ އިންޝުއަރެންސްގެ ހިދުމަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް، ހަލުވިކަމާ އެކު ކުރިއަރަމުންދާ މި ދާއިރާގެ މައުލޫމާތު މި މައިދާނުން ފަސޭހަކަމާ އެކު ލިބިގެންދިއުމަކީ ރައްޔިތުންނަށް ވެސް ބޭންކް ތަކަށް އިތުބާރުކޮށް އިންވެސްޓް ކުރަން ލިބޭނެ ޔަގީންކަމެކެވެ.

your imageއެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގަވަރުނަރު އަހްމަދު މުނައްވަރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

އެމްއެމްއޭގެ އުންމީދަކީ، ފައިނޭންޝަލް އެކްސްޕޯ 2026ގެ ސަބަބުން ވެސް ޒަމާނީ މާލީ ހައްލުތަކަށް އާންމުން ހޭލުންތެރިވެ، ހުރިހާ ފަންތިއެއްގެ އަދި ހުރިހާ އުމުރުފުރައެއްގެ މީހުން މިފަދަ ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވެގެންދިއުމެވެ.

ރާއްޖޭގެ މާލީ މުސްތަގުބަލު ބައްޓަންކުރަމުން އަންނަ އާ އީޖާދުތަކާއި ހިދުމަތްތައް ބުނެދޭ ފައިނޭންޝަލް އެކްސްޕޯ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބާއްވަފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ބޭއްވި އެ އެކްސްޕޯއަށް 8،500 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;