މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީއިން ބުނީ، މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން އެ ބޭންކުގެ މުހިންމު މާލީ ދާއިރާތަކުން މި ކުއާޓަރުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދާފައިވާ ކަމަށެވެ.
މިދިޔަ ހަ މަހު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 135 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އާމްދަނީގެ ގޮތުގައި ލިބުނީ، 419 މިލިއަން ރުފިޔާ އެވެ.
ބޭންކަށް ސާފު ފައިދާގެ ގޮތުގައި 111.42 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އަހަރީ ގޮތުން ބަލާއިރު 15.66 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއައިބީން ބުނި ގޮތުގައި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމަވާ އެންމެ ބޮޑު އެއް ދާއިރާއަކީ ޑިޕޮޒިޓްތަކެވެ. އެގޮތުން މި ކުއާޓަރުގައި ޑިޕޮޒިޓް ކުރި އަދަދު 5.37 ޕަސެންޓް އިތުރުވެ، 16.22 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 43.24 ޕަސެންޓްގެ ބޮޑު އިތުރުވުމެކެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް އިން ހުޅުމާލޭގައި ހިންގާ ބްރާންޗެއް - ފޮޓޯ: އެމްއައިބީ
އާމްދަނީގެ ގޮތުގައި 284.60 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ 5.85 ޕަސެންޓް އަދި ނިމުނު އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 32.07 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ނިމުނު އިރު އެމްއައިބީއަށް ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 35 ޕަސެންޓްގެ އިތުރުވުމެކެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ކުރިއަރާފައިވާ އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، އެމްއައިބީއިން ދެމިއޮންނާނީ އީޖާދީ، ކަސްޓަމަރުންނާ ރައްޓެހި މާލީ ހިދުމަތްތައް ފޯރުކޮށްދީ، ޒިންމާދާރު ބޭންކިންގ އުސޫލުތަކުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;