އިއްޔެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއުއެވެ.
މިމީހުން ހޯދުމަަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެގޮތުން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓާސެޕްޓާ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް “SA038, SA037”ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށްވެސް ސިފައިން ބުނެ އެވެ.
"މިހާތަނަށް ކުރެވުނު މަސައްކަތުން އެ 3 މީހުން އަދި ފެނިފައެއް ނުވެއެވެ." އެމްއެންޑީއެފްއިން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި ދޯނި ދިޔަވެ އަޑިޔަށްދާން ފެށި ވަގުތަކީ ވަރަށް ކަނޑުގަދަ ވަގުތެކެވެ. އަދި މި ހާދިސާގައި ގެއްލުނު ތިން މީހުން އޭރު ތިބީ ދޯނި ދިޔަވާތީ ދޯނީގެ ވަތެއްގައި ދިޔަ ހިއްކަން ކަންވެސް ވަނީ އެނގިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;