ދިވެހި ތާރީހީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ގުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކުރެވިފައިވާ "ވާހަކަ ވާ" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސްކޮށްދިނުމަށްޓަކައި ތާރީހުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިއުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަހްރުވެރި ނަސްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައި ވެއެވެ.
އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު ވަނީ އެ ރަށުގައި ތަރައްގީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ވެސް ހުޅުއްވައިދެއްވައިފަ އެވެ.
"ވާހަކަ ވާ" އަދި 'ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި"އަކީ ގައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ބޮޑުތަކުރުފާނުގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތް ކުރުމަށް ހއ. އަތޮޅުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ދެ ތަނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;