ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި މީހުން ހައްޔަރުކުރީ އިއްޔެކަމަށް ފުލުހުން ބުނެ އެވެ.
މި މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރި ޒުވާނުން
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ޝާވިންއާއި، އީޝާ އަޝްރަފްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ. މުހައްމަދު ނާއިލްގެ ބަންދަށް ކޯޓުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;