އޭނާ މަރުވިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައިވަނީ އޭނާގެ މަސައްކަތްތައް ބަލަހައްޓަމުން އައި އެލެގްޒެންޑާސް ޓެލެންޓް މެނޭޖްމަންޓުންނެވެ. ނަމަވެސް، ޒުވާން އުމުރުގައި އޭނާ ކުއްލި ގޮތަކަށް މަރުވާން މެދުވެރިވި ސަބަބެއް އެ އެޖެންސީން އަދި ހާމައެއް ނުކުރެއެވެ.
އޭނާ ވަކިވެދިޔުމާ ގުޅިގެން އެލެގްޒެންޑާސް ޓެލެންޓުން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހިތާމައިގެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެމީހުންގެ ލޯބިވާ ކާލާ ޖެފްރީ ވަކިވެދިޔުމަކީ އެ އެޖެންސީގެ އެންމެންގެ ހިތްތައް ކުދިކުދިވެގެން ދިޔަ ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި އޭނާގެ މަރާ އެކު މުޅި ޓީމަށް ބޮޑު ސިހުމެއް ލިބިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ފާއިތުވި 20 އަހަރަށް ވުރެ ގިނަ ދުވަހު ކާލާ މަސައްކަތް ކޮށްފައިވަނީ އެލެގްޒެންޑާސް ޓެލެންޓްގެ އާއިލާއާ އެކުގައެވެ. އެޖެންސީން ބުނި ގޮތުގައި ހުނަރުވެރި ކުޑަކުއްޖެއްގެ ގޮތުން ފެށިގެން ގޮސް، ކާމިޔާބު އަދި ހިތްގައިމު އަންހެން ބަތަލާއަކަށް އޭނާ ބަދަލުވެގެން ދިޔަ މަންޒަރު ބަލަން ލިބުމަކީ އެ އެޖެންސީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މިއީ އެ އެޖެންސީގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ގާތް ގުޅުމެކެވެ.
އެޖެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކާލާގެ ހިތްގައިމު ހިނިތުންވުމާއި، އޭނާގެ ހުނަރު އަދި ދިޔަ ކޮންމެ ތަނަކަށް އޭނާ ގެނެސްދިން އުޖާލާކަން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ. އޭނާއަކީ ދިރިއުޅުމުގައި އުފާވެރިކަމާއި އެކުވެރިކަން އަބަދުވެސް ދެއްކި، ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ހާއްސަ ފަންނާނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޑިޒްނީގެ ފިލްމުތަކުންނާއި އެހެނިހެން ޓީވީ ސީރީޒްތަކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާލާ ވަކިވެދިޔުމަކީ އޭނާގެ ސަޕޯޓަރުންނަށާއި ފިލްމީ ދާއިރާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. އޭނާގެ ވަކިވުމާ ގުޅިގެން ހޮލީވުޑްގެ އެކި ފަންނާނުންނާއި އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;