ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިންޖިނިއާ އަދީބު ޔޫސުފް އަލް-އާމާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި އިމްޕޯޓްކުރުމަށާއި، އެކްސްޕޯޓް ކުރާ ފަރާތްތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ޝަރުތުހަމަވާ އަމިއްލަ ކުންފުނިތަކަށް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ގައުމީ އިސްކަންދޭ ދާއިރާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވިޔަފާރީގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި އެއްބަސްވުމަކީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން އައި.ޓީ.އެފް.ސީ އިން 1.5 ބިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ކަނޑައެޅިކަމުގައިވިޔަސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ އެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.
އައިޓީއެފްސީގެ ސީއީއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި، މިނިސްޓަރު ޒަރީރާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރައްވައި، އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން އެސްޓީއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ އިދާރާގެ ބައެއް ފެސިލިޓީތައް ވެސް ބައްލަވާލެއްވި އެވެ.
އައި.ޓީ.އެފް.ސީގެ އަމާޒަކީ އޯ.އައި.ސީގެ މެންބަރު ގައުމުތަކާއި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރި ކުރިއެރުވުމަށް ބާރުއަޅާ މުހިންމު މުއައްސަސާއަކަށް ވުމެވެ. މިގޮތުން، މެންބަރު ގައުމުތަކުގެ ކުންފުނިތަކަށް ވިޔަފާރީގެ މާލީ އެހީތެރިކަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުގައި ކާމިޔާބުކަމާއެކު ވާދަކުރުމަށް ބޭނުންވާ ފަންނީ ތަމްރީނާއި ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މި ކޯޕަރޭޝަނުން މުހިންމު ދައުރެއް އަދާކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;