ރީތީގެ ރާނީއެއްގެ ގޮތުގައި ވިދާލުމަށް ފަހު، ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ހަފުތާތަކުގައި ނަންވީދާލައި، ހަމައެއާ އެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ފާހަގަކޮށްލެވޭ ދިރާސާތަކެއް ކުރަމުން އަންނަ ރިއޯނާ ކްރިޝްނަން ދީގޭ އަކީ މި ޒަމާނުގެ ޒުވާނުންނަށް ހުރި ނުހަނު ފުރިހަމަ ނަމޫނާއެކެވެ. ރީތިކަމާއި ތޫނުފިލި ވިސްނުން އެއްކޮށްލައިގެން އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކަކީ މުޅި ދުނިޔޭގެ ވެސް ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.
ރިއޯނާގެ މޮޑެލިން ދަތުރުގެ އެންމެ ހާއްސަ އެއް ކާމިޔާބީއަކީ ދުނިޔޭގެ ފެޝަން ދާއިރާގެ އެންމެ ބޮޑު ހަތަރު މަރުކަޒު ކަމަށްވާ ނިއުޔޯކް، ލަންޑަން، މިލާން އަދި ޕެރިހުގެ ފެޝަން ވީކްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމެވެ. މިއީ މޮޑެލިން ދާއިރާގައި އެތައް އަހަރެއް ހޭދަކުރާ ތަޖުރިބާކާރުންނަށް ވެސް ހާސިލުކުރަން އުނދަގޫ ބޮޑު ޝަރަފެކެވެ. ނަމަވެސް، އޭނާގެ ހުރި ހުނަރުވެރިކަމާއި ހިތްވަރުގެ ސަބަބުން، ވަރަށް ޅަ އުމުރެއްގައި ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑުތަކުގެ އިތުބާރު އޭނާ ވަނީ ހޯދައިފައެވެ.
ރިއޯނާ ކްރިޝްނަން
ފެޝަންގެ ވިދުންގަދަ ދުނިޔޭގައި އޭނާ ހޯދި މި ކާމިޔާބީގެ ފަހަތުގައި އޮތީ ބުރަ މަސައްކަތެކެވެ. އެކި ގައުމުތަކުގެ ސަގާފަތްތަކާއި ޑިޒައިނަރުންގެ އުއްމީދުތަކާ އެއްވަރަށް އަމިއްލަ ނަފްސު ތައްޔާރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ކޮންމެ ސްޓޭޖެއްގައި ވެސް ފެނިގެންދިޔައީ އޭނާގެ ހުރި ސާބިތުކަމާއި ފަންނުވެރިކަމެވެ. މިއާ އެކު އޭނާ ވެގެން ދިޔައީ ގިނަ ބައެއްގެ މެދުގައި މަގުބޫލު މޫނަކަށެވެ.
ނަމަވެސް، ރިއޯނާގެ ހުނަރު ހަމައެކަނި ފެޝަން ރަންވޭތަކަށް ހުސްވެފައެއް ނެތެވެ. ގިނަ ބަޔަކު އޭނާ ދެކެނީ ހަމައެކަނި ރީތީގެ ރާނީއެއްގެ ގޮތުގައި ނަމަވެސް، އޭނާއަކީ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ވެސް ފާހަގަކޮށްލެވޭ ފަދަ ތޫނުފިލި ސިކުނޑިއެއްގެ ވެރިއެކެވެ. ހާއްސަކޮށް މި ޒަމާނުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އޭއައި ޓެކްނޮލޮޖީގެ ދާއިރާއަށް އޭނާ ކުރާ ދިރާސާތަކަކީ އެކަޑެމިކް ދާއިރާގެ ސަމާލުކަން ލިބިފައިވާ ކަންކަމެވެ.
އޭނާގެ އިލްމީ ގާބިލުކަން ހާމަވެގެން ދިޔަ އެންމެ މުހިންމު އެއް ކަމަކީ އަވައްޓެރި ބޫޓާނުގައި ބޭއްވި ހާއްސަ ކޮންފަރެންސެއްގައި އޭނާގެ އަމިއްލަ އޭއައި ދިރާސާ ހުށަހަޅައިދިނުމެވެ. މި ދިރާސާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދިދާނެ ގޮތްތަކާ މެދު އޭނާ ވަނީ އަގުހުރި ހިޔާލުތަކެއް ފާޅުކޮށްފަ އެވެ. އެ ހަފުލާގައި ބައިވެރިވި ސައިންސްވެރިންނާއި ދިރާސާވެރިން ވަނީ އޭނާގެ ހުށަހެޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
ރިއޯނާ ކްރިޝްނަން
މޮޑެލިން އާއި ސައިންސްގެ ދާއިރާ އެއްކޮށް ކުރިއަށް ގެންދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ފެޝަންގެ ދުނިޔެއިން ފެންނަ ޒީނަތްތެރިކަމާއި، އޭއައި ރިސާޗްގެ ދާއިރާގައި ބޭނުންވާ ފުން ވިސްނުމަކީ ތަފާތު ދެ މިސްރާބު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެން ނަމަވެސް ރިއޯނާ ވަނީ މި ދެ ދާއިރާ އެއްކޮށްލައި، އަންހެން ކުދިންނަށް ހުރިހާ ދާއިރާއަކުން ވެސް ކުރިއަށް ދެވިދާނެކަން ސާބިތުކޮށްދީ، މުޖުތަމައުގައި ހުންނަ ބޯދާ ވިސްނުންތައް ބަދަލުކޮށްލައިފަ އެވެ.
މިހާ ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އޭނާ އަންނަނީ އާދައިގެ ޓީނޭޖަރެއްގެ ދިރިއުޅުން ވެސް ވަރަށް ފުރިހަމައަށް ތަޖުރިބާކުރަމުންނެވެ. އުމުރުން 18 އަހަރުގެ ކުއްޖެއްގެ ހަޔާތުގައި އޮންނަންޖެހޭ އުފާވެރި ވަގުތުތަކާއި، ރައްޓެހިންނާ އެކު ހޭދަކުރާ މަޖާ ދަނޑިވަޅުތައް ގެއްލުވައެއް ނުލަ އެވެ. އޭނާ ބުނާ ގޮތުގައި ކިތަންމެ ބޮޑު މަސައްކަތެއް ކުރި ނަމަވެސް، އަމިއްލަ އުފަލާއި ނަފްސާނީ ހަމަޖެހުމަށް ވަގުތު ހުސްކުރުމަކީ ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ވަގުތު މެނޭޖުކުރުމަކީ ރިއޯނާގެ އެންމެ ބޮޑު އެއް ސިއްރެވެ. އެއްކޮޅުން ބައިނަލްއަގުވާމީ ދަތުރުތަކާއި ފޮޓޯޝޫޓްތައް އޮންނައިރު، އަނެއްކޮޅުން ކިޔެވުމާއި ދިރާސާތަކުގެ މަސައްކަތްތައް ހިންގަން ޖެހެއެވެ. މި ހުރިހާ ކަމެއް ތަރުތީބުކޮށް، އެއްވެސް ކަމަކަށް ބުރޫނާރާނެހެން ކުރިއަށް ގެންދިއުމަށްޓަކައި އޭނާ ގެންގުޅޭ ހަރުދަނާ އުސޫލުތަކަކީ އޭނާގެ ކާމިޔާބީގެ މައިގަނޑު ބިންގަލެވެ.
މިއަދު ރިއޯނާ އަކީ މުޅި ދުނިޔޭގެ އެތައް މިލިއަން ޒުވާނުންނަކަށް އުންމީދު ގެނެސްދޭ ޝަހުސިއްޔަތެކެވެ. އެއްވެސް އިންސާނަކީ ވަކި ދާއިރާއަކަށް އެކަނި ހުސްވާން ޖެހޭ މީހެއް ނޫން ކަމާއި، އެދުމާއި ހިތްވަރު ހުރެއްޖެ ނަމަ ތަފާތު އެތައް ދާއިރާއަކުން އެއްފަހަރާ ކުރިއަރައި ދެވިދާނެކަން އޭނާގެ މި ކުރު ހަޔާތުން ދަނީ ދައްކުވައިދެމުންނެވެ. އޭނާގެ މި ހިތްވަރަކީ އަންހެން ކުދިން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކުރިމަގަށް ބަލާއިރު، ރިއޯނާ ކްރިޝްނަން ދީގޭގެ ދަތުރު އަދި ކިރިޔާ ފެށުނީއެވެ. އޭނާގެ އަމާޒަކީ ފެޝަންގެ ރޮނގުން އިތުރު އުސްމިންތަކަކަށް ވާސިލުވުމާ އެކު، އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށް ދުނިޔެއަށް ފައިދާހުރި ހިދުމަތްތަކެއް ކޮށްދިނުމެވެ. މިހާ ޅަ އުމުރެއްގައި މިފަދަ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ މި ހުނަރުވެރި ޒުވާނާ ކުރިއަށް އޮތް ތަނުގައި ދުނިޔެއަށް ދައްކާލާނެ އާ ހައިރާންކަންތައްތަކަށް ގިނަ ބަޔަކު ތިބީ އިންތިޒާރުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;