ads
ބީއެމްއެލްގެ މައި އޮފީސް އިމާރާތް - ފޮޓޯ/ބީއެމްއެލް
ޑޮލަރުގެ ޓްރާންސްފާތައް އަންނަ ހަފްތާގެ ނިޔަލަށް އާންމު ހާލަތަށް ގެނެވޭނެ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ޓްރާންސްފާތަކަށް ހޭދަވާ ވަގުތު އަންނަ ހަފްތާގެ ނިޔަލަށް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
Advertisement

ބީއެމްއެލް އިން ބުނީ ސެޕްޓެންބަރު މަހަކީ އާންމުކޮށް ވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސް ކަމަށާއި މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކް މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހަކު 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު މިއަހަރުގެ އެ މުއްދަތާ ހަަމައަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ބުންޏެވެ.

"މިދިޔަ އަހަރާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 33.33 ޕަސެންޓް ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެއް. މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާ ނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ،" ބީއެމްއެލް އިން ބުންޏެވެ.

ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތަކާއި އަދަދުތައް

  • ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް: މަހަކު 38 މިލިއަން ޑޮލަރު
  • ޓެލެގްރަފިކް ޓްރާންސްފަ(ޓީޓީ)ތަކަށް: މަހަކު 27 މިލިއަން ޑޮލަރު
  • ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މަހަކު 9.4 މިލިއަން ޑޮލަރު
  • ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ(ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރާ ޓްރާންސްފާތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަ ކުރުމުގައި ލަސްތަކެއް ކުރިމަތިވި އެވެ.

ބޭންކުން ބުނީ ޑޮަލރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރަން އެ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އެ ބޭންކުން އިސްކަންދޭން ފަށާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފަހައްޓަން އެހީތެރިވެދިން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"މިއާ އެކު، ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ލަފާކުރެވެ އެވެ،" ބީއެމްއެލްއިން ބުނެފައިވެ އެވެ.

އެންމެ ބޮޑު އިސްކަމެއް ދެނީ، ބީއެމްއެލް އިން ބުނި ގޮތުގައި، ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައްކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަންދިނުމަށެވެ.

ފަރުދުންނާއި ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރު ހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި އެ ބޭންކަކީ މާލީގޮތުން ހަރުދަނާ ބޭންކެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. 

މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއްކަމަށާއި މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫންކަން ބީއެމްއެލްއިން ފާހަގަކުރައްވަ އެވެ. އަދި ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި، ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުންދާކަމަށް ބީއެމްއެލްއިން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް