ކޯޓުގައި ވާހަކަދައްކަމުން ޖެކްލިން ބުނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ކަންތައްތަކެއް ކަމަށާއި އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގައި ދިއްލީގެ ކޯޓުން ވަނީ ޖެކްލިންގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކުރެވޭ ސުކޭޝް ޗަންދުރަޝޭކަރާއި އަދި އިތުރު 15 މީހެއްގެ މައްޗަށް ދައުވާ ފްރޭމްކޮށްފައެވެ. ކޯޓުން ބުނީ އަދިތީ ސިންގް ނަމަކަށް ކިޔާ މީހެއްގެ އަތުން ބިރުދައްކައިގެން ފައިސާ ހޯދި ކަމަށް ބުނާ މި މައްސަލައިގައި، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނު (ޕީއެމްއެލްއޭ) ގެ ދަށުން ޝަރީއަތް ކުރިއަށް ގެންދެވޭ ވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އީޑީން ތުހުމަތުކުރާ ގޮތުގައި، ސުކޭޝް ހިންގި ޖަރީމާތަކުން ހޯދި ފައިސާއިން ޖެކްލިންއަށް ވަނީ އަގުބޮޑެތި ހަދިޔާތަކާއި މާލީ ބޮޑެތި މަންފާތަކެއް ފޯރުކޮށްދީފައެވެ. ނަމަވެސް ޖެކްލިން އަބަދުވެސް ބުނަމުން އަންނަނީ އޭނާއަކީ މި މައްސަލައިގައި ސުކޭޝްގެ މަކަރުވެރި ރޭވުންތަކުގެ ޝިކާރައަކަށް ވީ މީހެއް ކަމަށާއި، މި ފައިސާއަކީ ޖަރީމާއަކުން ހޯދާފައިވާ އެއްޗެއްކަން ކުރިން އެނގިފައި ނުވާ ކަމަށެވެ.
ދައުވާ ސާބިތުކުރުމަށްޓަކައި ދަށު ކޯޓުގައި ޝަރީއަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ޖެކްލިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކުރުމަށް އެދި އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ގެންދިއުމުގެ ހުއްދަ ޖެކްލިންއަށް ދީފައެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ އަނބުރާ ގެންދިއުމާއެކު، މިހާރު ހަމަޖެހިފައިވަނީ ދިއްލީގެ ދަށު ކޯޓުގައި މި މައްސަލައިގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް ކުރިއަށް ގެންދިއުމަށެވެ. މި ޝަރީއަތުގެ މަރުހަލާގައި ދައުވާއަށް އިންކާރުކޮށް ޖެކްލިން އަމިއްލަ ދިފާއުގައި ވާހަކަދައްކަން ނިންމާފައިވާއިރު، މިއީ ބޮލީވުޑް ގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ މައްސަލައެކެވެ.