ads
ހަސީނާ
ހަސީނާ އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދުވަސް ހާމަކޮށްފި
އަމިއްލެ ގައުމުގެ ރައްޔިތުންނަށް ފިއްލަވައިގެން އިންޑިއާގައި ދިރިއުޅުއްވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، ނިއު ދިއްލީން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ތާރީހު އާންމުކޮށްފި އެވެ.
Advertisement

ހަސީނާގެ ތަރުޖަމާނު ސައްޔިދު މުޒައްމިލް އަލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، 5 އޮގަސްޓް 2024 ގައި ހަސީނާ އިންޑިއާއަށް ގެންދިޔައީ ބަންގްލަދޭޝްގެ މަތިންދާބޯޓެއްގައި ކަމަށް ވާތީ، އެ ގައުމުގެ ނަސްރުގެ ދުވަސް ކަމަށްވާ ޑިސެންބަރު 16 ގައި ނިއު ދިއްލީން ޑާކާއަށް ވަޑައިގަތުމަށް ގައުމީ އެއާލައިން، ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ދަތުރެއް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ނުވަތަ ނަސްރުގެ ދުވަހާ ދިމާކޮށް އެކަމަނާ އެނބުރި ވަޑައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ނަމަވެސް، ބަންގްލަދޭޝް ސަރުކާރުން ވަނީ މި ހުށަހެޅުމަށް އިންކާރުކޮށްފަ އެވެ. ހާރިޖީ ވަޒީރުގެ ނައިބު ހުމާޔޫން ކަބީރު ރޮއިޓާސްއަށް ވިދާޅުވީ، ހަސީނާއަށް އެނބުރި ގައުމަށް ވަޑައިގެންނެވޭނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ބަންގްލަދޭޝްގައި 15 އަހަރު ވެރިކަން ކުރެއްވި ހަސީނާގެ ވެރިކަން 2024 ވަނަ އަހަރު ވެއްޓުނީ ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކަކާ ގުޅިގެންނެވެ. އޮގަސްޓް 2024 ގައި އޭނާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފައިވާ އިރު، އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ގުޅިގެން ޣައިރު ހާޒިރުގައި ވަނީ މަރުގެ ހުކުމެއް އިއްވާފަ އެވެ.

އދ. އިން އަންދާޒާކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެ އެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމަކީ ގާނޫނީ ގޮތުން ސައްހަ ހުކުމެއް ނޫން ކަމަށް ބުނެ އެކަން ބަލައިގަންނަން އިންކާރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް