އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަނީ ދިވެހިވަންތަ ޑިޒައިންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ހެދުމާއި ބޮލުގައި އަޅާ ތާކިހަލެވެ.
ހެދުމާއި ތާކިހަލުގައި ހިމެނޭ ޑިޒައިން ފަރުމާކޮށްފައިވަނީ މިސްކިތުގެ މުންނާރާއި ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތްތަކާއި ދިވެހިންގެ ހުނަރު ދައްކުވައިދޭ ތުނޑުކުނަލުގެ ޑިޒައިންތަކުން ހިޔާލު ހޯދައިގެންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ އަދި ޑިޒައިންގެ ފުރަތަމަ މަރުހަލާ އެވެ.
މިނިސްޓަރު އާންމު ކުރެއްވި ފޮޓޯތަކުން މައިގަނޑު ގޮތެއްގައި މެރޫން ކުލައިގެ ހެދުމަކާއި ތާކިހަލެއް ފެނުނު ނަމަވެސް، އެއީ އަދި ފައިނަލް ކުލަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ރޯދަ މަހަށް އެ ހެދުން އެއްކޮށް ނިންމައި ބޭނުންކުރަން ފެށުމެވެ.
ހަތީބުންގެ ޒުވާން ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަތީބުން ވަނީ ތަމްރީނުކޮށްފަ އެވެ.
ހަމައެއާއެކު މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ޙާފިޒުން ވެސް އުފެދިފައިވަނީ މި ދުވަސްވަރު ކަމަށާއި، މިހާރު ރާއްޖޭގައި 322 ޙާފިޒުން އެބަތިބި ކަމަށް ވިދާޅުވެފަ އެވެ. އަދި މި ދައުރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވި އެވެ.