ads
ޕްލާސްޓިކް ބައެއް ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރުމުން ކަންބޮޑުވެއްޖެ
ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން އުވާލުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
Advertisement

ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން އަލުން ހުއްދަކޮށް އެއް ލީޓަރާއި ބައި ލީޓަރާ ދެމެދުގެ ފުޅި މަނާކުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ފަސްކުރެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީގެ ސަރުކާރުގައި 2020 ވަނަ އަހަރުގައި ތައާރަފުކުރެވުނު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތުގެ މުހިންމު ބައިތަކެއް ބަދަލުކޮށް، ޕްލާސްޓިކް ހޮޅި ހިމެނޭގޮތަށް ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ނިންމި ނިންމުމާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

މި ސިޔާސަތުގެ ދަށުން ޕްލާސްޓިކް ހޮޅި ހިމެނޭހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބައެއް ޕްލާސްޓިކްގެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް އަމަލުކުރަން 2021 ވަނަ އަހަރުގެ ޖޫން މަހު ފަށާފައިވުމާއެކު، މިކަން ތަންފީޒުކުރަމުންދާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ސަރުކާރުގެ އެންމެ ފަހުގެ މި ނިންމުމަކީ، އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވަނިކޮށް، ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް އެމްޑީޕީން ބުންޏެވެ.

"މި ސިޔާސަތާއެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނިބުނި ފެންނަ މިންވަރުވެސް ވަރަށް ބޮޑަށް ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ބަދަލުތަކެއް ގެނެސްފައިވަނިކޮށް، އެކަށީގެންވާ ސަބަބެއް، ހުއްޖަތެއްނެތި ސިޔާސަތު ބަދަލުކުރުމަކީ ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، މިކަމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކަކީވެސް އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށާއި އަދި މިފަދަ ބަދަލެއް ގެންނަން ޖެހުނީ ކީއްވެގެންކަން، ނުވަތަ އެހެނިހެން ގަވާއިދުތަކުގެ ތެރެއިން މިކަން ހައްލުކުރެވެން ނެތީ ކީއްވެގެންކަން، ނުވަތަ 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރަން ޖެހުނު ސަބަބު ސާބިތުކޮށްދޭނެ ދިރާސާއެއް ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ރާއްޖެ ފަދަ އިޤްތިޞާދާއި ރައްޔިތުންގެ ދިރިއުޅުމާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި ތިމާވެށީގެ ގޮތުން ލިބިފައިވާ މަޤާމު، ކަނޑާއި ވެށީގެ ދުޅަހެޔޮކަމާ ގުޅިފައިވާ ޤައުމަކަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ތަޣައްޔަރުކަމާ ގުޅޭގޮތުން ނިންމާ ނިންމުންތައް ވާން ޖެހޭނީ ސާބިތުކަމާއި، ހަރުދަނާ ހެކީގެ މައްޗަށް ބިނާކުރާ ނިންމުންތަކަށް ކަމަށެވެ.

އެގޮތުން ތިމާވެއްޓާ ގުޅޭގޮތުން ރާއްޖެއިން ވެފައިވާ ވައުދުތައް ތަކުރާރުކޮށް ފަސްކުރުމަކީ، މުސްތަޤުބަލުގައި ތިމާވެށީގެ ގަވާއިދުތަކަށް ބޯލެނބުމަށް ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ކުޑަވެގެންދާނެ ކަމެކެވެ. އަދި ތިމާވެށީގެ ރޮނގުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރާ މަސައްކަތަށް ކުރާ ގޯނާއެއް ކަމަށާއި އަދި ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ކުރާ ފުރައްސާރައެއް ކަމަށްވެސް ބުންޏެވެ.

"އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރާއްޖެއިން ކުރިއަށްދާންވީ ތިމާވެށި ހިމާޔަތް ކުރުމުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ މަތިވެރި އަޒުމުގައި ނަމޫނާ ދައްކާ ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންދިޔަ ދައުރު އަލުން އަދާކުރަން ފަށަން ޖެހެއެވެ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ ދެން އަންނަ އެ ޕާޓީގެ ސަރުކާރެއްގައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް އަލުން ޢަމަލުކުރަން ފަށައި، އެ ސިޔާސަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ އެހެނިހެން ތަކެއްޗަށް އެކަށީގެންވާ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފެތުމަށް ވިޔަފާރިތަކަށް އެހީތެރިވެދީ، ޕްލާސްޓިކް ކުނިބުނި އުފައްދާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ކުނި މަދުކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރާނެ ކަމަށްވެސް ބުނެފަ އެވެ.

ޕްލާސްޓިކް ހޮޅީގެ އިތުރުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުން ވެސް ވަގުތީ ގޮތުން ވަނީ ހުއްދަ ކޮށްފަ އެވެ. އަދި 500 މިލިލީޓަރުގެ ބަދަލުގައި 250 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް މަނާކުރަން ވެސް ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް