ވީބީން ނެރުނު ބަޔާނެއްގައި ބުނީ އެތަނުގެ ފިހާރަތަކުގައި މަސައްކަތްކުރާ އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ކުންފުނީގެ ހުރިހާ ފިހާރައެއް ވަގުތީ ގޮތުން ބަންދުކޮށް އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށެވެ.
އެގޮތުން ޕޮޒިޓިވްވެފައި ވަނީ ވީބީ ބާޒާރު ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފަކާއި ވީބީ ގަލޮޅު މާޓުގައި މަސައްކަތްކުރާ ތިން މުވައްޒަފެއްގެ އިތުރުން ވީބީ މާފަންނު މާޓުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފެއް ކަމަށް ބުންޏެވެ.
ވީބީގެ ބަޔާނުގައި ބުނީ އެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދު ލޮކްޑައުން ކުރި ނަމަވެސް އެ ކުންފުނީގެ ވިޔަފާރިތަކުން ހުއްޓުމެއް ނެތި ހިދުމަތްދެމުން އައީ މިއީ ގައުމީ ޒިންމާއެއް ކަމަށް ދެކިގެން ކަމަށެވެ.
މިހާރު ވީބީގެ ވިޔަފާރިތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު ނަގާފައިވާ އޯޑަރުތައް ވެސް ދެން ޑެލިވާ ނުކޮށްދެވޭނެ ކަމަށާއި އެކަމަށްޓަކައި އާންމުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބަޔާނުގައި ބުނެ އެވެ.
ވީބީން އިތުރަށް ބުނީ ފިހާރަތައް ޑިސްއިންފެކްޓްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވީހާވެސް އަވަހަށް ހިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުޅާ ދާއިރާއެއްގައި ކާބޯތަކެއްޗާއި އަދިވެސް އިތުރު ސާމާނު ވިއްކަމުން އަންނަ ވީބީން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހޯލްސޭލް އަދި ރީޓެއިލްކޮށް ތަކެތި ވިއްކަމުންނެވެ.