ads
ވައިބާ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އަންނަނީ އިތުރުވަމުން
ފޯން ހެކްކޮށްގެން ހޯދި ފައިސާ ބޭނުންކުރި މީހަކު ޖަލަށްލާން ހުކުމްކޮށްފި
ފޭސްބުކާއި ވައިބަރ އެކައުންޓް ހެކްކޮށްގެން އޮޅުވާލައިގެން ހޯދި ފައިސާތަކެއް އެކައުންޓަށް ޖަމާވުމުން، އެ ފައިސާގެ ވެރިފަރާތަށް ރައްދުނުކޮށް ބޭނުންކުރި މައްސަލައެއްގައި ހުޅުމާލެއަށް ނިސްބަތްވާ އަޙްމަދު މޫސާ 4 މަހާއި 14 ދުވަހަށް ޖަލަށް ލުމަށާއި، ގެއްލުނު ފައިސާ އަނބުރާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

ކްރިމިނަލް ކޯޓުގެ ޤާޒީ މުޙައްމަދު މިޞްބާހު ކުރެއްވި މި ހުކުމަކީ، 2023 ޑިސެންބަރު 27 ގައި ހިންގި މާލީ އޮޅުވާލުމުގެ މައްސަލައަކާ ގުޅިގެން "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން" ކުށުގެ ދައުވާއާ ގުޅިގެން އިއްވި ހުކުމެކެވެ.

ކާކުކަން ނޭނގޭ މީހަކު ލ. އިސްދޫ އަންހެނެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން ދެ މީހެއްގެ އަތުން ހޯދި ފައިސާ (7،000 ރުފިޔާ އާއި 11،000 ރުފިޔާ) ޖަމާކުރީ އަޙްމަދު މޫސާގެ ބީއެމްއެލް އެކައުންޓަށެވެ. އަޙްމަދު މޫސާ ވަނީ އެ ފައިސާގެ ވެރިފަރާތަށް ރައްދުނުކޮށް ބޭނުންކޮށްފައެވެ.

ޝަރީޢަތުގައި ކުށަށް އިއުތިރާފު ވަމުން އޭނާ ބުނީ މިކަން ކުރެވުނީ މަސްތުވާތަކެތީގެ ވަބާގައި އަލުން ޖެހުމުގެ ސަބަބުން ކަމަށާއި، މަސްތުވާއެއްޗެއްސާ ދުރުވުމަށްޓަކައި ޖަލު އަދަބެއް ދިނުމަށް އެދޭ ކަމަށެވެ.

ކުށަށް އިއުތިރާފު  ވުމުން އަދަބުގެ ދެ ދަރަޖަ ދަށްކޮށް، ކަނޑައެޅި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބުން، ބަންދުގައި ހޭދަކުރި 10 ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހެނީ 4 މަހާއި 14 ދުވަހުގެ ޖަލު އަދަބެކެވެ. އަދި ގެއްލުންވި ދެ މީހުންނަށް ޖުމްލަ 17،000 ރުފިޔާ (7،000 ރުފިޔާ އަދި 10،000 ރުފިޔާ) 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ވަނީ އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް