ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ.
އެ ދައުވާތައް ސާބިތުވެ 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދޔަ އަހަރު ޑިސެމްބަރު މަހު އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޝިފާއު ގޭބަންދަށް ދޫކޮށްފައި ވަނީ ސިއްހީ ފަރުވާ ދިނުމަށް ކަމަށެވެ. އަދި ފުރަތަމަ އެއް މަސް ދުވަހަށް އޭނާ ދޫކޮށްފައި ހުރި ކަމަށާއި، ނަމަވެސް އެ މުއްދަތުގައި އޭނާގެ ހާލަތު ރަނގަޅު ނޫންނަމަ ގޭބަންދުގެ މުއްދަތު އިތުރުކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ޝިފާއުއަށް އިއްވި ޖަލު ހުކުމަކީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.