މި ބައްދަލުވުމުގައި ކުރީގެ މަސްއޫލުވެރިން ފާހަގަކުރެއްވި ގޮތުގައި، ތިމާވެށީގެ ސަބަބުން ނާޒުކު ހާލަތުގައިވާ މި ގައުމުތަކަށް މާލީ ގޮތުން މިފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތިވަމުންދަނީ، އެ ގައުމުތަކުގެ މައްޗަށް އުފުލިފައިވާ ނުއުފުލޭ ވަރުގެ ބޮޑެތި ދަރަނިތަކުގެ ސަބަބުންނެވެ.
އެ މަސްއޫލުވެރިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ތިމާވެށީގެ އަސަރުތައް އެންމެ ބޮޑަށް ފޯރާ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ގައުމީ އާމްދަނީގެ 30 އިންސައްތައާ ހަމައަށް ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތްތަކަށް ހޭދަކުރަމުންނެވެ.
މިގޮތަށް ތިމާވެށީގެ ކަންކަމަށް ގައުމީ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަންޖެހުމުގެ ސަބަބުން، އެ ގައުމުތަކުގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓުތައް ވަރަށް ބޮޑަށް ކުޑަވެ، އެ ދާއިރާތަކަށް ވަނީ ވަރަށް ބޮޑަށް ހީނަރުކަން އައިސްފަ އެވެ.