އޭނާ މަރުވިއިރު އުމުރަކީ 75 އަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ނާނާ ޕަޓޭކަރު މަރުވީ ގޯއާގައި ހުންނަ އޭނާގެ އަމިއްލަ ގޭގަ އެވެ.
އޭނާގެ ކޮއްކޮގެ ދަރިފުޅު ޕްރަސާދު ޕަޓޭކަރާއެކު ގޭގައި ހުއްޓައި، ރޭގަނޑުގެ ވަގުތެއްގައި ބޮލުގައި ރިއްސާތީ އުޅުމަށްފަހު ފަހުން ފެނުނީ ހޭނެތިފައި އޮއްވަ އެވެ.
ވަގުތުން އޭނާ މަނިޕާލް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ޑޮކްޓަރުން ބުނެފައިވަނީ އޭނާ ހޭއެރުވުމަށްޓަކައި 45 މިނެޓު ވަންދެން ސީޕީއާރު ދީގެން ކުރި މަސައްކަތުން ވެސް އެއްވެސް އިޖާބައެއް ނުލިބުނު ކަމަށެވެ.
ޑޮކްޓަރުން އޭނާ މަރުވި ކަމަށް ކަނޑައެޅީ މިއަދު ފަތިހު 5:20ގަ އެވެ.\
ނާނާ ޕަޓޭކަރު ފިލްމީ ދާއިރާއަށް ތައާރަފްވީ 1978 ވަނަ އަހަރު ނުކުތް "ގަމަން" އިންނެވެ. އޭނާ ފާހަގަކުރެވިފައިވަނީ ޖަޒުބާތީ މޮޅު އެކްޓިންއާއި، ތަފާތު ޑައިލޮގް ޑެލިވަރީ އަދި ގޮންޖެހުން ބޮޑު ކެރެކްޓާތައް ފުރިހަމައަށް ކުޅެދިން ތަރިއެއްގެ ގޮތުގަ އެވެ.
އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޕަރިންދާ"، "ކްރާންތިވީރު"، "އަބް ތަކް ޗައްޕަން"، "ޔަޝްވަންތު"، "ވަޖޫދު"، އަދި މަރާޓީ ފިލްމު "ނަޓްސަމްރާތު" ހިމެނެ އެވެ.
މީގެއިތުރުން ކޮމެޑީ ފިލްމު "ވެލްކަމް" އަދި "ވެލްކަމް ބެކް" ގައި އޭނާ ކުޅުނު މަޖާ ގޭންގްސްޓާރު އުދޭ ޝެޓީގެ ރޯލަށް ބޮޑު ތަރުހީބެއް ލިބުނެވެ. އޭނާ ވަނީ "ހައުސްފުލް 5" ގެ އިތުރުން ސިޔާސީ ތުރިލާ "ރާޖްނީތި" ގައިވެސް މުހިންމު ރޯލުތަކެއް އަދާކޮށްފަ އެވެ.
ނާނާ ޕަޓޭކަރުގެ ކުއްލި ވަކިވުމާ ގުޅިގެން އިންޑިއާގެ ސިޔާސީ އަދި ފިލްމީ ދާއިރާގެ އިސް ބޭފުޅުން ދަނީ ހިތާމަ ފާޅުކުރައްވަމުންނެވެ.
ގޯއާގެ ޗީފް މިނިސްޓަރު ޕްރަމޯދު ސާވަންތު ވިދާޅުވީ، ނާނާ ޕަޓޭކަރަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި، މިއީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.
އަދި އިންޑިއާގެ ޔޫނިއަން މިނިސްޓަރު ނިތިން ގަދްކަރީގެ މެސެޖެއްގައި ވަނީ، ނާނާގެ ވަރުގަދަ އެކްޓިންއާއި ޑައިލޮގްތަކުން އެތައް ޒަމާނަކު ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ކަމަށާއި، ހާއްސަކޮށް ދަނޑުވެރިންނަށް އެހީވުމުގައި އޭނާ ކޮށްދިން އިހުލާސްތެރި ހިދުމަތްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ ސިނަމާއަށް ދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ދިން "ޕަދްމަ ޝްރީ" އެވޯޑު ވެސް ލިބިފައިވާ ނާނާއަކީ ފިލްމު ކުޅުމުގެ އިތުރުން އިޖުތިމާއީ ކަންކަމުގައި ވެސް ވަރަށް ބޮޑަށް އެހީތެރިވި މީހެކެވެ.