އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައިސަލްގެ ރަނިންމޭޓަކަށް ހަމަޖައްސަވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.
"ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރުމުގެ އަޑުތައް އެރިތާ ދުވަސްތަކެއް ވިޔަސް ރަސްމީކޮށް އެކަން އިއުލާން ކުރުން ލަސްވެގެން ދިޔައީ، އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކޮށް ރާއްޖޭގެ މަސްރަހު އޮތް ގޮތް ދިރާސާ ކުރުމަށް ކަމަށެވެ.
ފައިސަލް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން ކަމަށެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ ގޮތުގައި އެމްޑީޕީގެ މެމްބަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ. ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުވެސް ވަނީ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. ފައްޔާޒާއި ޝާހިދު ކެމްޕެއިން ފައްޓަވާފައިވާއިރު އެއިން އެއްވެސް ބޭފުޅަކު އަދި އެ ބޭފުޅުންގެ ރަނިންމޭޓުންގެ ގޮތުގައި ކަނޑައެޅުއްވި ބޭފުޅަކީ ކޮބައިކަން އިއުލާނެއް ނުކުރައްވަ އެވެ.