ads
ޝާހިދު
ޝާހިދުގެ ދިފާއު: ދޮންދަރިއަކު ނުހުންނާނެ، ބަންދުކުރީ ގާނޫނާ ހިލާފަށް!
ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ބަންދުކޮށްދިނުމަށް އެދި ހުށަހެޅި ފޯމުގައި، އޭނާގެ ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ ތުހުމަތު ކޮށްފައިވީ ނަމަވެސް،، އެއްވެސް ދޮންދަރިއަކު ނުހުންނާނެ ކަމަށާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހެޅި ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ފަރާތުން ދިފާއުގައި ހައިކޯޓުގައި ވަކާލާތު ކޮށްފި އެވެ.
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެންބަރު 2 ގައި ހައްޔަރުކޮށް، ނޮވެންބަރު 3 ގައި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރު ޝާހިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ޝާހިދުގެ ބަންދު މައްސަލަ ހައިކޯޓުން މިއަދު ވަނީ ނިންމާފައެވެ. އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ނިންމުން ހައިކޯޓުގެ ވެބްސައިޓުގައި މިހާރު ވަނީ ޕަބްލިޝްކޮށްފަ އެވެ.

ހައިކޯޓުގައި ޝާހިދުގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކޮށް، އޭނާ ވަގުތުން މިނިވަންކޮށްދިނުމަށް އެދުނެވެ. އެގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ފޯމުގައި ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ތުހުމަތު ކޮށްފައިވީ ނަމަވެސް، އޭނާގެ ދޮންދަރިއަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ. 

އަދި ފޯމުގައި ނެތް އެހެން ތުހުމަތަކަށް ހެކި ހުރި ކަމަށް ބަލައި ބަންދުކުރީ އިޖުރާއަތާ ހިލާފަށް ކަމަށާއި، ހުށަހަޅާފައިވާ ހެކިތަކަކީ "އިވުނު ކަމަށް ބުނާ ހެކި" ކަމަށްވާތީ އެއީ ޝަރުޢީ ގޮތުން ބަލައިގަނެވޭނެ ހެކި ނޫން ކަމަށްވެސް ޝާހިދުގެ ފަރާތުން ފާހަގަކުރި އެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި މައިގަނޑު އަސާސަކީ ކުއްޖާގެ ބަސް ކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ތަޙުޤީޤަށް އަދި ކުއްޖާގެ ބަޔާނެއް ލިބިފައި ނުވާތީ ބަންދުގައި ނުބެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެމުން ދައުލަތުން ބުނީ، ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމަށް ފޯމުގައި ބަޔާންކުރީ ތަހުގީގަށް ލިބުނު ބަޔާންތަކުގައި ކުއްޖާ އޭނާއާ މމުހާތަބުކުރަނީ "ބައްޕި" ގެ ގޮތުގައި ކަމަށް ވާތީއާއި، އެއީ ދޮންބައްޕަ ކަމަށް ކުއްޖާ ދެކޭކަން އެނގެން އޮތުމުން ކަމަށެވެ. އަދި ބަންދުގެ މަރުޙަލާއަކީ ކުށް ސާބިތުކުރުމުގެ މަރުޙަލާ ނޫން ކަމަށާއި، ތަހުގީގުގެ މި ކުރީކޮޅު ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ހުރި ކަމަށްވެސް ދައުލަތުން ފާހަގަކުރި އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާޢީލް ޝަފީއުގެ ރައުޔަށް އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ތާއީދުކުރައްވައި ނެރުއްވި ނިންމުމުގައި ކަނޑައަޅުއްވާފައި ވަނީ، ދޮންބައްޕަ ކަމާމެދު ދެފަރާތުގެ މެދުގައި ހިލާފު އުފެދިފައިވީ ނަމަވެސް، ދައުލަތުން ބަޔާންކުރާ ގުޅުމަށް ބާރުދޭ ބައެއް ކަންކަން ފުރަތަމަ ނަޒަރުން އެނގެން އޮތް ކަމަށެވެ. އަދި ހައްޔަރުކޮށް ދިން ޤާނޫނީ އިންޒާރުގައި ވެސް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތު ސާފުކޮށް ކޮށްފައިވާތީ، ނުކުރާ ތުހުމަތަކަށް ބަންދުކުރި ކަމަށް ނުބެލެވޭނެ ކަމަށެވެ.

ފަނޑިޔާރުންގެ ރައުޔުގައި އިތުރަށް ފާހަގަކުރައްވާފައި ވަނީ، ތަހުގީގު މަރުހަލާގައި ބަންދުކުރުމަށް ބޭނުންވަނީ ކުށް ސާބިތުކުރުމުގެ ހެއްކެއް ނޫން ކަމަށާއި، ބޭނުންވަނީ ސުޕްރީމް ކޯޓުގެ މަފްތޫހް ސައީދު ގަޒިއްޔާގައި ބަޔާންކުރާ ފަދަ "ކޮންމެވެސް މިންވަރެއްގެ ހެކި" ކަމަށެވެ. އަދި ކުއްޖާގެ ބަސް ނެތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއާ ގުޅިގެން، މުހްތާރު ގަޒިއްޔާއަކީ ކުށް ސާބިތުކުރުމުގެ މަރުހަލާގައި ހެކި ވަޒަންކުރާ އުސޫލު ކަމަށާއި، މި މަރުހަލާގައި ކުއްޖާގެ ބަޔާން ނެތް ނަމަވެސް، ކުއްޖާ ވާހަކަ ކިޔައިދިން ފަރާތްތަކުގެ ބަޔާނާއި އެހެނިހެން ހެކިތަކުގެ މައްޗަށް ބިނާކޮށް ބަންދުކުރުމުގެ ގާނޫނީ ހުރަހެއް ނެތް ކަމަށް ވަނީ ކަނޑައަޅުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް