މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދެ ކާރު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ.
މެލޭގެ ނޫސްތަކުން ބުނީ މި އެކްސިޑެންޓްގައި ކާރު ދުއްވި މުހައްމަދު ޝަފީގު އިބްރާހިމް، 37،ގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާކަމަށެވެ. އޭނާގެ މަައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ކާރު ދުއްވުމުގެ ދައިވާއާއި ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވުމާއި ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާވުމުގެ ކުށުގެ ދައުވާއެވެ.
މި ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
މި ދައުވާތަކުން ފުރަތަމަ ދައުވާ ސާބިތުވެއްޖެނަމަ ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 50،000 އާއި 100،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ދެވަނަ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 30،000 އާއި 50،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ތިންވަނަ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން 12 މަސްދުވަހުގެ ޖަލު ހުކުމެއް އަދި 5،000 އާއި 10،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މޭލޭގެ ނޫސްތަކުން ބުނެ އެވެ.
މި މައްސަލާގައި ދައުލަތުގެ ވަކީލް ވަނީ ކޮންމެ ދައުވާއަކަށް ޖާމިނުވާނެ އެކަކާ އެކު 10،000 ރިންގިޓުގެ ކަފާލާތެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. އެހެންނަމަވެސް ޑްރައިވަރުގެ ދިފާއީ ވަކީލު ވަނީ އެ އަދަދު ކުޑަކޮށްދިނުމަށް އެދިފަ އެވެ. އެގޮތުން އޭނާއަކީ ދެ ކުދިންގެ ބައްޕައެއްކަމަށާއި އޭނާއަށް މަހަކު ލިބެނީ 2000 ރިންގިޓްކަމަށް ވަނީ ބުނެފައެވެ.
ކަފާލާތުގެ މައްސަލާހައި ކޯޓުން ނިންމީ އެކަކު ޖާމިނުވާ ގޮތަށް 9،000 ރިންގިޓްގެ ކަފާލާތެއް ދިނުމަށެވެ. އަދި ޝަރީއަތް ނިމެންދެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓަންވެސް ކޯޓުން ވަނީ ނިންމާފައެވެ. މެލޭގެ ނޫސްތަކުން ބުނީ ދެެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަމަހުގެ 4 ވަނަ ދުވަހުކަމަށެވެ.