ads
ބީއެމްއެލްގެ މައި އޮފީސް އިމާރާތް - ފޮޓޯ/ބީއެމްއެލް
ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 1.93 ބިލިއަން ރުފިޔާ
ބީއެމްއެލްގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާކަން މާލީ ރިޕޯޓުތަކުން ދައްކައިފި އެވެ.
Advertisement

 ބީއެމްއެލް އިން މިއަދު ވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފަ އެވެ. 

މިދިޔަ ސެޕްޓެންބަރު 30 އަށް ނިމުނު ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %36 ގެ ކުރިއެރުމެކެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އިންޓަރެސްޓުން ލިބުނު އާމްދަނީ ވަނީ 874.8 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 729.7 މިލިއަން ރުފިޔާގަ އެވެ.

މީގެ އިތުރުން، އިންޓަރެސްޓް ނޫން އެހެނިހެން ވަސީލަތްތަކުން ލިބުނު އާމްދަނީ 355.9 މިލިއަން ރުފިޔާއިން 377.5 މިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ.

2026 ވަނަ އަހަރުގެ ފަހު ކުއާޓަރާ ބޭންކުން ކުރިމަތިލަނީ ވަރަށް ވަރުގަދަ މާލީ ހާލަތެއްގައެވެ. ފަތުރުވެރިކަމުގެ މޫސުމާއެކު ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށާއި، މުޅި އަހަރުގެ ނަތީޖާ ވަރަށް ކާމިޔާބުވާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.

ކުރިމަގަށް ބަލާއިރު، ފަންޑިން ހޯދާ ވަސީލަތްތައް ބޭންކުން އިތުރަށް ފުޅާކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓްތަކުން ދިގު މުއްދަތުގެ ބޭރު ފައިސާގެ ފަންޑިން ހޯދުން ހިމެނެ އެވެ. މީގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއަށް ހިދުމަތްދޭ ވިޔަފާރިތަކާއި، މުޅި ދިވެހި އިގްތިސާދަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމެވެ.

އެ ބޭންކުން އަބަދުވެސް ދެމިއޮންނާނީ ކަސްޓަމަރުންނާއި، ހިއްސާދާރުންނާއި އަދި ގައުމުގެ މަސްލަހަތަށްޓަކައި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ވަރުގަދަކޮށް، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރިސްކް މެނޭޖްކޮށް، ގަވާނަންސްގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި އަހަރަކީ ބޭންކުގެ ތާރީހުގައި ވެސް މާލީ ގޮތުން އެންމެ ވަރުގަދަ އަހަރަށް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައުސްމާލާއި ފައިސާގެ ތަނަވަސްކަން ހުރީ ވަރަށް ވަރުގަދަކޮށް. ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާ އެކު ބޭންކުގެ ބެލެންސް ޝީޓް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން،" އޭނާ ވިދާޅުވި އެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި މި ނަތީޖާ ހާސިލުކުރެވުނީ އިގްތިޞާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަޙައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާކަމަށާއި ރިޓާން އޮން އިކުއިޓީ ހުރީ %14 ގައިކަމަށް އެ ބޭންކުން ބުންޏެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާޙައުލެއްގައި މި ނަތީޖާ ހާސިލުކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަމަށް ބީއެމްއެލް އިން ބުންޏެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް