މި މަޝްރޫއާ ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނެއްގެ ދަށުން ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށް، އިތުރު މަޝްވަރާތަކަށްފަހު ފަހު އެއްބަސްވުންތަކުގައި ސޮއިކުރުމުން ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބަޔަކީ ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓެވެ. އަލްޢައްބާރު އަންދާޒާކުރައްވާ ގޮތުގައި މި ބަޔަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުގައި ހައުސިން މަޝްރޫއަށް ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްއިންނެވެ. އަދި އެ ފައިސާ އަނބުރާ ހޯދާނީ ރަސްމާލޭގެ ބޮޑު މަޝްރޫއު ކުރިއަށްދާ ވަރަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ ރަސްމާލެ މަޝްރޫއު ރަނގަޅު ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެއީ އެ ޕާޓީގެ ބަސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސިޔާސީ މީހުންނަކީ ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓްތަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަންޖެހޭ މީހުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިއްކާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން، 99 އަހަރުގެ މުއްދަތަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލަން ނިންމުމަކީ ގައުމުގެ އަސްލު ގެއްލިގެން ހިނގައިދާނެ ބިރުވެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެ މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުވުމުން ސަރުކާރުން ބުނެފައިވަނީ އަސްލު އެއްބަސްވުމުގައި ސޮއިކުރާނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު ކަމަށެވެ.