އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓްގެ ތެރެއިން 43.5 މިލިއަން ރުފިޔާ ހަމަޖައްސާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓް ހުށައަޅުއްވަމުން އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، މި އަހަރަށް އެ އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުވެފައިވަނީ 56.9 މިލިއަން ރުފިޔާ ކަމަށެވެ.
ނިޔާޒީ ވިދާޅުވީ އަހަރު ނިމުމުގެ ކުރިން ބަޖެޓުން އަދި އިތުރު 45 މިލިއަން ހަރަދުވާނެކަަމަށްް ބެލެވޭކަމަށާއި އަހަރު ނިމޭއިރު ބާކީ 31 މިލިއަން ރުފިޔާ ހުންނާނެ ލަފާކުރެވޭކަމަށެެވެ.
ނިޔާޒީ ވިދާޅުވީ އަންނަ އަހަރު 394 އޮޑިޓެއް ކުރިއަށް ގެންދިއުމަށް އެ އޮފީހުން ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި މި އަހަރު ނުނިމި ހުރި ބައެއް އޮޑިޓްތަކުގެ އިތުރުން ހާއްސަ އަށް އޮޑިޓެއްވެސް ހިމެނޭކަން ނިޔާޒީ ފާހަގަކުރެއްވި އެވެ.
އަންނަ އަހަރު ކުރަން ނިންމާފައިވާ އޮޑިޓްތައް
އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް 183 އޮޑިޓް ރިޕޯޓެއް އާއްމުކޮށްފައިވާނެ ކަމަށެވެ. އަދި މިހާރުވެސް 259 އޮޑިޓެއްގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވަމުން ނިޔާޒީ ވިދާޅުވީ އޭގެތެރެއިން ގިނަ އޮޑިޓްތަކުގެ މަސައްކަތް އަހަރު ނިމުމުގެ ކުރިން ނިންމާލާ އާއްމުކުރެވޭނެކަަމަށެވެ.