ހެންވޭރު އާދަމް ހަލީމް ބިލްޑިންގުގައި އިހުތިޖާޖު ފެށި އަހުމަދު ސައީދު ބުނި ގޮތުގައި، އަހުމަދު ފާރިސް ނަމަކަށް ކިޔާ އެ މީހާ މަގުމަތިން ދާ މީހުންނަށް ހަޅޭއްލަވައި، އެއްޗެހި އުކައި އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި އެކަމުގެ ހެކިތައް ފުލުހުންނާ ހިއްސާކޮށް އެތައް ފަހަރަކު ޝަކުވާ ހުށަހެޅި ނަމަވެސް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އާންމުންނަށް އުނދަގޫކުރާ ފާރިސް މީގެ ކުރިން ވެސް ގާތްގަނޑަކަށް 30 ފަހަރު ހައްޔަރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ސައީދުގެ ހަޅުތާޅާ އެކު މި މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައުމުން ފުލުހުން ވަނީ އަނެއްކާވެސް ފާރިސް ހައްޔަރުކޮށް، ހަޅުތާޅު ނިންމާލުމަށް ސައީދުގެ ކިބައިން އެދިފަ އެވެ. ނަމަވެސް، ނިޒާމަށް އިތުބާރު ނެތް ކަމަށް ބުނެ ސައީދު ވަނީ ހަޅުތާޅު ކުރިއަށް ގެންދަން ނިންމައިފަ އެވެ.