ސައުދީ އިންޓީރިއާ މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނަކާ ހަވާލާދީ މީޑީއަތަކުން ބުނީ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލެއް ހިންގި ކުށް ސާބިތުވެ މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ބަންގަލޭޝް ދެ ރައްޔިތުންކަމަށްވާ ނަޒްރުލް އިސްލާމް އަބްދުލް ބަސީރު ކިތާ ފިރިހެނަކާއި އަދި ސިތީ އަހްތަރު ކިޔާ އަންހެންގެ މައްޗަށެވެ. މި ދެމީހުންގެ މި ހާދިސާ ހިނގީ މައްކާގެ ކޮން މިސްކިތެއްގައި ކަމެއް ސައުދީ އަކުން ނުބުނެއެވެ.
މި ދެ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މައްކާ ގައެވެ.
ސައުދީ ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީ (އެސްޕީއޭ) ބުނީ އެ ދެ މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށް ކޯޓުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށެވެ. އަދި ކޯޓުން އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އިސްލާމީ ޝަރީއަތުގައި އޮންނަ ތައުޒީރީ އަދަބެއްގެ ގޮތުގައިކަމަށްވެސް ސައުދީ ގެޒެޓުން ބުނެ އެވެ.
ސައުދީން ބުނީ އެ ދެމީހުނަށް ހަރުކަށި އަދަބެއް ދިނީ އެ އަމަލުގެ ބޮޑުކަމާއި މިސްކިތުގެ ވަގުތުގެ ހުރުމަތް ކަނޑާލާފައިވާތީކަމަށެވެ. އަދި މި ހުކުމް ތަންފީޒުކުރީ އެކަމާއި ގުޅޭ މަތީ މުއައްސަސާތަކުން ހުކުމް ތަސްދީގުކޮށް، ރަސްމީ އަމުރެއް ނެރުމާ ގުޅިގެން ކަމަށް ވެސް ސައުދީން ބުނެ އެވެ.
ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓުން ބުނީ އެ ގައުމުގެ ދެ ރައްޔިތުންގެ މައްޗަށް މި ހުކުމް ތަންފީޒުކުރުމުގެ ކުރިން ސައުދީ ސަރުކާރުން އެކަން އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލައާ ގުޅޭ ރަސްމީ ލިޔެކިޔުންތައް ހޯދުމަށް ސައުދީ ފޮރިން މިނިސްޓްރީއަށް މިހާރު ވަނީ ހުށަހަޅާފައިވާނެކަމަށް ބަންގްލަދޭޝްގެ ކޮންސިއުލޭޓުން ބުނެއެވެ.