"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ އޮތީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ކަމަށާއި އެތަނުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި އިސްލާމްދީން ނޫން އެހެން ދީނެއްގެ ކަންކަން ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެކަން ބަދަލުކުރެވޭނެ ވަރުގެ ބަޔަކު ނާންނާނެ ކަމަށެވެ.
ރަސްމާލެ ތަރައްގީކުރުމުގެ ވިސްނުންފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ހުޅުމާލެ ހިއްކިއިރު އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުން މީހުން ދިރިއުޅެން ފެށުމުގެ ކުރިން ބޮޑެތި އިންވެސްޓްމަންޓްތައް ނާންނަ ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓްތަކުގައި ދިރިއުޅެން ފެށޭއިރު ބޭނުންވާނެ ތަރައްގީއާއި ބޮޑެތި އިންވެސްޓްމަންޓްތައް އެއްފަހަރާ ގާއިމުކުރުމުގެ އަމާޒުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރާ ތަންތަނަށް، އެތަންތަން ގަންނަ ފަރާތްތަކުން ނުވަތަ ޓޫރިސްޓުން ހަމައެކަނި ޒިޔާރަތްކޮށްފައި ދާނީ ކަމަށާއި އެތަނުގައި އެއްވެސް ކަހަލަ ދީނީ ކަމެއް ހިންގޭނެ ފަދަ ގޮތަކަށް ނުހުންނާނެ ކަމަށެވެ.
އަދި 500 ހެކްޓަރުގެ އެ ބިމުގައި ސްކޫލެއް ވެސް ނުހުންނާނެ ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތް އެތަނުން ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.
މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.