ads
ސަލްމާން އަދި ޓައިގާ
ޓައިގާ ޝްރޮފަށް ދިން ބަޑީގެ ހަމަލާގެ ތަހުގީގުން ހައިރާންކުރުވަނިވި މައުލޫމާތުތަކެއް!
ބޮލީވުޑްގެ އެކްޝަން ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް އިންޑިއާގެ މުމްބާއީގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދިން ބަޑީގެ ހަމަލާގެ އަސްލު އަމާޒަކީ އޭނާ ނޫން ކަމަށާއި، އެ ހަމަލާ އަމާޒުކުރީ ބޮލީވުޑްގެ އެހެން މަޝްހޫރު ތަރިއަކަށް ކަމަށް އެ ގައުމުގެ ފުލުހުންގެ ތަހުގީގުން ހާމަވެއްޖެ އެވެ.
Advertisement

ފުލުހުންގެ ތަހުގީގާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދިން މީހުންގެ އަސްލު ޓާގެޓަކީ މަޝްހޫރު އެކްޓަރު ސަލްމާން ހާން އެވެ. ނަމަވެސް، ސަލްމާން ހާން ދިރިއުޅޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި އޮތުމުގެ ސަބަބުން، ހަމަލާދިން މީހުން އެމީހުންގެ ޕްލޭން ބަދަލުކޮށް ޓައިގާ ޝްރޮފްގެ ކާރަށް ހަމަލާދޭން ނިންމީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޓައިގާ ޝްރޮފް ކާރަށް އަރަން އުޅުނު ވަގުތު، ސައިކަލެއްގައި އައި ތިން މީހަކު ކާރަށް ބަޑީގެ ހަމަލާތަކެއް ދީގެންނެވެ. މި ހަމަލާގައި ޓައިގާއަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް، އޭނާގެ ޑްރައިވަރަށާއި ޓީމުގައި ހިމެނޭ މީހަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ "ހަމަލާދިން މީހުންގެ ފުރަތަމަ އަމާޒަކީ ޓައިގާ ޝްރޮފެއް ނޫން" ކަމަށެވެ. އަދި ބޮލީވުޑްގެ އެހެން ފަރާތަކަށް ހަމަލާދިނުމަށް ރޭވުމަށްފަހު ފުރުސަތު ނުލިބުމުން، އެމީހުންގެ މިސްރާބު ބަދަލުކުރީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ރޭލަކުން ފިލަން ދަތުރުކުރަމުން ދިޔަ ތިން މީހަކު ހިމެނޭހެން، ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްތޯ ބެލުމަށާއި، ބޭނުންކުރި ހަތިޔާރު ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމުތަކުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މުމްބާއީ ފުލުހުންގެ އޮފީހުން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް