ads
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީޙުގެ ރައީސް މުސާރަ ބޮޑުކުރާތީ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ކައުންސިލަރުން މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
Advertisement

މި މައްސަލަ މަޖލިހަށް ހުށައެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު އެވެ. 

މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގައި އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ އެ މައްސަލަ މަޖިލިހަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން މައުރޫފް ޒާކިރު ހުށައެޅުއްވި ކުއްލި މައްސަލާގައި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ އެ މައްސަލަ މަޖިލިހުން ބޭރުކޮށްލައްވާފަ އެވެ.

ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތް އިތުރުކުރުމަށްވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަންދިނުމަށްވެސް ރައްޔިތުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެމްބަރުން ސަރުކާރަށް ގޮވާލާ އިއްޔެ ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސުގެ މުސާރަ 95،125 އަށް ހަދާ ވަޒީރުންނަށް ދޭ ކާރުގެ އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުން މަޖލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. 

މިކަމާއި ގުޅިގެން މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން ސޮއިކުރައްވާ ނެރުނު ބަޔާބެއްގައި ބުނީ ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ. މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުމަކީ، އެ މެމްބަރުން އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުން، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހަރަދުކޮށްފައިވާއިރު،
ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ރައްޔިތުން އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށް މި ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެތައް ގާނޫނަކަށް ބަދަލުގެނެސްފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމެނިފައިވާ އަދަދަކަށްވާއިރު  ބްލޮކް ގްރާންޓަށް  ބަދަލުނުގެނެސް، ކައުންސިލަރުންނާއި، ކައުންސިލް ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ހިދުމަތަކަށް ބުރޫއަރާނެ ކަމެއްކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ފާޅުކުރަމުން އަންނަކަމަށްވެސް އެ ނޫސް ބަޔާނުގައި ވެއެވެ. 

މީގެ އިތުރުން ރާއްޖޭގައި ޕޭ ހާމަނައިޒޭޝަންގެ އެތައް ކަންބޮޑުވުމެއް އޮތްއިރު، އަދި އެކަންބޮޑުވުންތަކާއި ގުޅިގެން 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައިވާ "ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭ ޤަރާރު" ގެ މަސައްކަތްވެސް މިއަދާ ހަމައަށްވެސް ނުނިންމައި، މިފަދަ ގޮތަކަށް މުސާރައަށް ބަދަލުގެނައުމުން އެތައް ރައްޔިތުންނެއް ކަންބޮޑުވާކަމަށްވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް