ads
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 ގައި
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.

މީގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުން ވެސް މި ޖަލްސާގައި އޮންނާނެއެވެ. މި އިނާމަކީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސް ދެއްވާ އިނާމެކެވެ. 

ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮވަނީ އެކަމަށްޓަކައި ރައީސް އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.

ހަމައެއާއެކު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ވެސް ދެއްވާނެއެވެ. މިއީ 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެކެވެ. މި އިނާމުގެ ގޮތުގައި ރައީސް ދެއްވަނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ ރައީސް އެކުލަވައިލައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

އެ އިނާމަށް މީހުން ހޮވާފައިވަނީ ގައުމީ އިނާމާބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް