ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެމްޖޭއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރު، އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރެއްގައި އެ ގައުމަށް ދިޔަ ނޫސްވެރިންނަށް އަމާޒުކޮށް ނަފުރަތު އުފެއްދުމަށް ހާއްސަ ވީޑިއޯތައް އުފައްދައި، ފުރައްސާރަ ކުރަމުންދާ ކަމަށެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެ ނޫސްވެރިންގެ ފޮޓޯ ޖަހައި، "ޔަހޫދީން" އަދި "ގައްދާރުން" ކަމަށް ބުނެ އެކި ބަސްތައް ދަނީ ރައްދު ކުރަމުންނެވެ.
އެ ނޫސްވެރިޔަކު މަސައްކަތްކުރާ މީޑިއާއެއްގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަމުން ދާއިރު، އެފަދަ ފުރައްސާރަތައް ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އަދި އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްޖޭއޭގެ ސިޓީގައިވެ އެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިން މަސައްކަތް ކުރަނީ އެ ނޫސްވެރިއަކު ނިސްބަތްވާ މީޑިއާ އިދާރާއެއްގެ އެޑިޓޯރިއަލް އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެން އެކަން އޮތްއިރު، ވަޒީފާގެ ޒިންމާ އަދާކުރާ ވަކިވަކި ނޫސްވެރިންނާމެދު ނަފުރަތު އުފައްދައި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އޭގެ ސަބަބުން އެ ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ނުރައްކާތަކާ ކުރިމަތިވަމުންދާ ކަމަށް އެ ސިޓީގައިވެ އެވެ.
ނޫސްވެރިންނަށް ކުރިމަތިކުރުވާ ފުރައްސާރައިގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށާއި އެ ނޫސްވެރިންގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައި ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް އެމްޖޭއޭ އިން ވަނީ އެދިފަ އެވެ.