އެ ސެންޓަރުގެ ހުޅުމާލޭގއި އެޅުމުގެ މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާ ކުންފުންޏެއް ގުޅިގެންނެވެ. މި މަސައްކަތުގައި ބައިވެރިވާ ޔުކޭ ކުންފުންޏަކީ ކުއަންޓޮމް ހައިޓްސް ލިމިޓެޑް އެވެ. އިންޑިއާގެ ކުންފުންޏަކީ އެން ވެސްކިއުލާ ޓެކްނޮލަޖީ ޕްރައިވެޓް ލިމިޓެޑް އެވެ.
މި ސެންޓަރު އެޅުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. އަދި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އެންޑް ޑިރެކްޓަރު ޗިމްޓަން ސޯނީއެވެ.
ކެންސަރު ބަލީގެ ހިދުމަތަށް ހާއްސަ އިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު މެދުތެރޭގައި ފަށާނެކަމަށް މިއަހަރުގެ ރީޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުިއއްޒު ވަނީ ވިދާޅުވެފަ އެވެ.
މި ސެންޓަރުގައި އެމަރޖެންސީ ފަރުވާ ދެވޭނެ ހާއްސަ އިންތިޒާމުތަކާއި ކްރިޓިކަލް ހާލަތުގައި ފަރުވާ ދެވޭނެ ހާއްސަ އިންތިޒާމުތައް ހުންނާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ބުނެ އެވެ. މީގެ އިތުރުން ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑަކާއި ކެންސަރު ސާޖަރީއަށް ހާއްސަ ތިއޭޓަރަކާއި ކީމޯތެރަޕީ ޑޭ ކެއާ ޔުނިޓަކާއި އެްމެ ފަހުގެ ޒަމާނީ 3ޑީ ސީއާރްޓީ، އައިއެމްއާރްޓީ، އައިޖީއާރްޓީގެ އެހީގެ ރޭޑިއޭޝަން ހިދުމަތް ދޭނެ ފެސިލިޓީ ހިމެނޭނެކަަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެ އެވެ.
މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްދާ މި ތަރައްޤީގެ މަސައްކަތުގައި، ނިއުކްލިއަރ މެޑިސިން (nuclear medicine) އަދި ޕޮޒިޓްރޯން PET-CT ފަދަ ޒަމާނީ ޑައިގްނޯސްޓިކް ޓެކްނޮލޮޖީތައް ހިމެނޭނެއެވެ. މިއީ ގިނަ ކެންސަރުގެ ބަލިތައް ދެނެގަތުމާއި، މަރުހަލާ ކަނޑައެޅުމާއި، އެ ބަލިތައް މެނޭޖްކުރުމުގެ ޤާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެކެވެ.
މީގެ އިތުރުން، މި މަރުކަޒުގައި ޕެލިއޭޓިވް ކެއަރ، އަލާމާތްތަކަށް ފަރުވާ ދިނުން އަދި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނިގެންދެއެވެ. މި ޚިދުމަތްތަކަށް މަލްޓިޑިސިޕްލިނަރީ ޓިއުމަރު ބޯޑުތަކާއި، ފަރުވާ ރޭވުމަށް ޚާއްސަ ނިޒާމުތަކާއި، ބަލިމީހުންގެ ފަހުގެ ކަންތައްތައް ހަމަޖެއްސުމަށް ގުޅިގެން މަސައްކަތްކުރާ ނިޒާމުތަކުން އެހީތެރިކަން ލިބިގެންދާނެއެވެ. މި ގުޅިފައިވާ އޮނިގަނޑުގެ ބޭނުމަކީ، ކުރިން ބަލި ދެނެގަތުމާއި ކްލިނިކަލް އިވެލުއޭޝަން އިން ފެށިގެން ޚާއްސަ ފަރުވާއާއި، ރަނގަޅުވުމާއި، ދިގު މުއްދަތުގެ ފޮލޯއަޕް އާ ހަމައަށް، ފަރުވާގެ ކެނޑިނޭޅިކަން ކަށަވަރުކުރުމެވެ.