ads
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަން ނިންމައިފި
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައިފި
"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
Advertisement

"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކޮށް، އަދި ހަރަދުތައް ކުޑަކުރެވޭ އުސޫލަކުން ކަންކަން ކުރުމަށް "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމުން ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށެވެ.

އާ ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި، ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވިގެންދާނެ ކަމަށާއި މީގެ މައިގަނޑު ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ހިއްސާ ކުރުމާއި އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ހިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވަގެން 4 މަސްދުވަހުގެ ތެރޭގައި އާ ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެކަން ފާހަގަކުރައްވާ ރައީސް ވަނީ، މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫއެއް ނޫންކަންވެސް ހާމަކުރައްވާފަ އެވެ.

އެހެންވެ، ކުރިއަށް އޮތް ތިން މަސް ދުވަސް ނުވަތަ އެންމެ ގިނަވަގެން ހަތަރު މަސްދުވަހުގެ ތެރޭގައި އާ ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތައް އެއް ގްރޫޕަކަށް ހަދާނީ. އެއް ވިއުގައަކުން ގުޅާލެވޭނެ. އެކި ހޮސްޕިޓަލްތަކުން އެކި އަގުގައި މިހާރު ތަކެތި ގަނޭ. ރީއެޖެންޓްސް، ކޮންސިއުމަބަލްސް އުކާލަންޖެހޭ ހާލަތުވެސް އެބަ އާދޭ. އޭގެ ބަދަލުގައި އޭގެ ބޭނުން ޖެހޭ އެހެން ހޮސްޕިޓަލަކަށް އެ ތަކެތި ފޮނުވޭނެ ފަސޭހަ ނިޒާމެއް އޮތިއްޔާ އެ ހަރަދު ކުޑަވެ، ހިދުމަތްތަކުގެ އެފިޝަންޝީ އިތުރުވެ ހިދުމަތުގެ ފެންވަރު މަތިވޭ. ބޭކާރު ހަރަދުތައް ކުޑަވޭ." ރައީސް ވިދާޅުވި އެވެ.

އެ ބަދަލާއެކު ސަރުކާރު ހަރަދުގައި ތައުލީމު ހާސިލުކޮށްފައިވާ ޑޮކްޓަރުންގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ އުސޫލުތައް ގާއިމްކޮށް، ހާއްސަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ހިދުމަތްތަކަށް ހާއްސަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިބެގެން ހިދުމަތް ފޯރުކޮށްދެވޭނެ ފަދަ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން ސިއްހީ ބޭނުންތަކަށްޓަކައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް