އެ އިދާރާއިން ބުނީ ކޮމިޝަނަރ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ގެ ނަމުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށީ މިމަހުގެ 8 ވަނަ ަދުވަހު ކަމަށެވެ. އެއާއި އެކު މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު މަދުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން އެ އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ މަދުކުރެވިފައިކަމަށް ފުލުހުން ބުނެ އެވެ. އެއީ އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެއްކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ 20 ދުވަހު ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓްކަމަށް ފުލުހުން ބުނެ އެވެ. ހުޅުމާލެ ފަދަ ދިގު އަދި ފުޅާ މަގުތަކެއް އޮންނަ ތަނެއްގައި ހިނގާ އެކްސިޑެންޓްތަކުން މިފަދަ ބޮޑު ދަށްވުމެއް ފެނުމަކީ، ރައްޔިތުން މަގުމައްޗަށްދޭ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއްކަމަށް ފުލުހުން ބުނެ އެވެ.
މީގެއިތުރުން ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވެސް މި ބަދަލުތައް ފާހަގަކުރެވޭކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް 128 އެކްސިޑެންޓް މާލޭގެ މަގުތަކުގައި ހިންގާފައިވާކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް މިމަހުގެ 8 އިން 24 ގެ ނިޔަލަށް މާލޭގެ މަގުތަކުގއި ހިނގީ 106 އެކްސިޑެންޓްކަމަށާއި މީ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ދަށްވުމެއްކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ އޮޕަރޭޝަނަށް ބަލާއިރު، މިމަހުގެ 8 އިން 27 އަށް ޖުމްލަ 3,151 އުޅަނދު ޗެކޮށްފައިވާކަމަށެވެ. އެއީ 2,800 ސައިކަލާއި 351 ހަތަރުފުރޮޅުލީ އުޅަނދުކަމަށް ފުލުހުން ބުނެ އެވެ.
މީގެ ތެރެއިން 808 ފަރާތަކަށް (735 ސައިކަލު ދުއްވި ފަރާތަށާއި 73 ހަތަރުފުރޮޅުލީ އުޅަނދު ދުއްވި ފަރާތަށް) ވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެ، ވިސްނައިދީފައިކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް، އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ދުއްވި 23 އުޅަނދަކަށާއި (20 ސައިކަލު، 3 ހަތަރުފުރޮޅުލީ އުޅަނދު)، އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 85 ފަރާތެއް ޖޫރިމަނާކޮށް، 145 އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.
މާލޭގެ މަގުތަކުގައި ވެސް ޓްރެފިކް ފުލުހުން ދަނީ އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުންކަމަށް ފުލުހުން ބުނެ އެވެ. ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 600 މައްސަލައަކާއި، ނުރައްކާތެރިކޮށް ދުއްވި 19 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ 13 ފަރާތަކަށް ވަނީ ނަސޭހަތްދީ، ވިސްނައިދީފައިކަމަށް ފުލުހުން ބުނެ އެވެ.
އާންމު މަގުތަކުގައި ބާރަށް ދުއްވި ފަރާތްތަކުގެ ތެރެއިން އެކި ކުންފުނިތަކާއި އިދާރާތަކަށް ނިސްބަތްވާ 23 ފަރާތެއްގެ މައުލޫމާތު އެ ތަންތަނާ ހިއްސާކޮށް، އެ މުއައްސަސާތައް މެދުވެރިކޮށް ވެސް ޒިންމާކުރުމުގެ މަސައްކަތް ވަނީ ކުރެވިފައިކަން ފުލުހުން ފާހަގަކުރެއެވެ. މީގެ އިތުރުން، އުޅަނދުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވުމުގެ 371 މައްސަލައަކާއި، ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ 171 މައްސަލައަކަށް ވަނީ ފިޔަވަޅު އަޅާފައިކަމަށް ފުލުހުން ބުނެ އެވެ.