މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބެއެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.
މި އިންތިހާބުގައި ދެ މެންބަރުން ހޮވުމަށްވެސް ވޯޓު ކަރުދާސް ލާންޖެހޭނީ އެއް ވޯޓުފޮއްޓަކަށެވެ. ނަމަވެސް ރަށު ކައުންސިލްގެ މެންބަރާއި އަންހެނުންގެ ކޮމިޓީގެ ރައީށް ހޮވުމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.
މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދިޔަ ނަމަވެސް ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އެލްޖީއޭއިން ބުންޏެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެވެ.
ސިޓީ ކައުންސިލްގެ ތެރެއިން އިންތިހާބުކުރަންޖެހޭ މަގާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކަމަށްވާތީ އޭނާ ވަނީ އެ މަޤާމަށް އިންތިހާބުވެފަ އެވެ. މިއަދު ކުރިއަށްދަނީ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ރައީށުންގެ ތެރެއިން އިންތިހާބު ކުރާ ދެ މެންބަރުން ހޮވުމަށް ވޯޓުލުމެވެ.
އެލްޖީއޭއިން ބުނި ގޮތުގައި ވޯޓުލުން ނިންމައި ފޮށިތައް ބަންދުކުރާތާ 30 މިނެޓު ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާ އިއުލާންކުރާނީ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.
ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރުކުރުވުމުގެ ޒިންމާ އޮންނަ އެލްޖީއޭގެ ބޯޑު ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އެ އޮތޯރިޓީގެ ސީއީއޯއަކީ މުހައްމަދު ނިމާލެވެ.