އެ ރަށުގެ އިސްލާމީ މަރުކަޒުގެ ބިންގާ އެޅީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްޙަކީމްގެ އިތުރުން އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމެވެ.
ދެ ބުރި އަށް އިމާރާތްކުރާ އޭދަފުށީ އިސްލާމީ މަރުކަޒަކީ އެއްފަހަރާ ގާތްގަނޑަކަށް 700 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތަކާއެކު، އިސްލާމީ ތައުލީމާއި، ދީނީ ހަރަކާތްތަކާއި، އިޖުތިމާއީ މުހިންމު ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ވަސީލަތްތައް އެކުލެވިގެންވާ ގޮތަށް ބިނާކުރާ މަރުކަޒެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމުގެ ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުން ކަމަށް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވެ އެވެ.
މިހާރު ވެސް 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް ބައެއް މަރުކަޒުތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ.