ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ބޭންކުތަކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނާޅައި، އިހުމާލުވުމުގެ ސަބަބުން ހިނގާ މާލީ ގެއްލުންތަކާ ގުޅިގެންނެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި، ބޭންކިން ނިޒާމުގެ ތެރެއިން ދޭންޖެހޭ ރައްކާތެރިކަމާއި އިދާރީ ޒިންމާ ފުރިހަމައަށް އަދާނުކުރެވުމުގެ ސަބަބުން ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ޙީލަތުން ފައިސާ އަތުލައިގަންނަ ހާލަތްތަކުގައި، އެ ފައިސާގެ މާލީ ބަދަލު ކަސްޓަމަރުންނަށް ދިނުމަކީ ވިޔަފާރި ބޭންކުތަކުގެ މައްޗަށް ލާޒިމުކުރަންޖެހޭ ކަމެކެވެ.
މީގެއިތުރުން، ބޭންކުތަކުގެ ސެކިއުރިޓީ ނިޒާމުގައި ހުންނަ އުނިކަންކަމުގެ ފައިދާ ނަގައިގެން އެކައުންޓްތަކުން ހުއްދައެއް ނެތި ފައިސާ ނަގާ ހާލަތްތަކުގައި، އެކަމުގެ ޒިންމާ ބޭންކުތަކުގެ އޮފިޝަލުން އުފުލަންޖެހޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ އެންގާފަ އެވެ. ސެކިއުރިޓީ އިހުމާލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ގެއްލުންތަކަށް ބޭންކުގެ މުވައްޒަފުންނާއި އޮފިޝަލުން ޖަވާބުދާރީކުރުވުން މުހިންމު ކަމަށް ކޯޓުން ފާހަގަކުރި އެވެ.
ސުޕްރީމް ކޯޓުގެ މި އެންގުމަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިންގާ މާލީ ޖަރީމާތަކުން އާންމުން ރައްކާތެރިކުރުމަށާއި، ބޭންކުތަކުގެ އިދާރީ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ބާރުއެޅުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މިކަމުގެ ސަބަބުން ބޭންކުތަކުން ކަސްޓަމަރުންގެ ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން މަޖުބޫރުވެގެންދާނެ އެވެ.