ads
ސިފައިންގެ މައި މަރުކަޒު ކުރިމަތި
ލޭގެ ކަރުނައިން ތެމިފައިވާ ފަތިސް: ނޮވެމްބަރު ތިނެއްގެ ވޭނީ ހަނދާން
އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. މުޅި މާލެ އޮތީ ފަތިހުގެ ފިނި އަރާމު ނިދީގެ ތެރޭގައެވެ. ތުއްތު ދަރިން މައިންގެ އުނގުގައި ބޯއަޅައިލައިގެން ތިބިއިރު، އެ ހަމަހިމޭން އަމާންކަން މުޅި އުމުރަށް ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމަކަށް އެކަކުވެސް ހިޔާލެއް ނުކުރެއެވެ. ނަމަވެސް، އެ މަޑުމައިތިރި ފަތިސް ސުންނާފަތިކޮށްލީ ކަންފަތްތައް ބައްވެގެންދިޔަ ބަޑީގެ ގަދަފަދަ އަޑުފައްގަނޑުންނެވެ. އަމާންކަމުގެ ފޭރާން ކުދިކުދިވެ، މުޅި ޖައްވު ބިރުވެރިކަމާއި ކަރުނައިގެ ދުމުން ބޯވެގެން ދިޔައެވެ.
Advertisement

ގައުމަށް ހިޔާނާތްތެރިވި ހާއިނުންތަކަކާއި ބޭރުގެ ކުލީ ސިފައިން މާލެއަށް އަރައިގަތީ މި ދިވެހި ފަސްގަނޑު އަޅުވެތިކޮށް، އަހަރެމެންގެ މިނިވަންކަން ފޭރިގަތުމަށެވެ. ކުޑަކުދިން ރޮއިހޭރޭ އަޑާއި، މައިންގެ ހިތްފަޅައިގެންދާ ފަދަ ރުއިމުގެ އަޑު ގޭގޭގެ އެތެރެއިން އިވެމުންދިޔައެވެ. ދޮރުތައް ތަޅުލައި، އަނދިރީގައި ދެއަތް އުފުލައިގެން ދުއާކުރަމުން ދިޔަ އާއިލާތަކުގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައަކީ މުޅި އުމުރަށް އެ ހިތްތަކުގައި ބިންވަޅުނެގިގެންދިޔަ ވޭނެކެވެ.

މުޅި ގައުމު އޮތީ މަރާއި ދިރުމުގެ ހަނގުރާމައެއްގައެވެ.

އެ ނާމާން ފަތިހު، ގައުމުގެ ދިފާއުގައި މޭ އައްޑަނައަކަށް ދައްކައިގެން ތެދުވި ޒުވާން ބަތަލުންގެ ހަނދާންތަކަކީ ކޮންމެ ދިވެއްސެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރުވައިލާ ހަނދާންތަކެކެވެ. ސިފައިންގެ މައި މަރުކަޒުގެ ދޮރާށި ކުރިމަތީގައި، އެކަނިމާއެކަނި ފަހު ނޭވާއާ ހަމައަށް ހަނގުރާމަކުރި ޒުވާން ހުސައިން އާދަމްގެ ހިތްވަރު ދުވަހަކު ހިތުން ފޮހެވިގެންދާނެ ހެއްޔެވެ؟ ވަޒަންތަކުން އޭނާގެ ހަށިގަނޑު ފޫއަޅުވައި، ޒުވާން ލޭ މި ފަސްގަނޑަށް އޮހޮރެމުން ދިޔައިރުވެސް، އޭނާ އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް އަޅައެއް ނުލިއެވެ.

ވަޒަން ހުސްވަމުން ދިޔަ ހިނދު، އޭނާގެ އަރުބުޑުން ނުކުތް "ވަޒަން... ވަޒަން..." ގެ އެ ހިތްދަތި ގޮވައިލުމަކީ މިއަދުވެސް މި ގައުމުގެ ވައިރޯޅިތަކުގެ ތެރޭގައި ދައުރުވަމުންދާ ރުއިމެކެވެ. އޭނާ ފުރާނައިން ގުރުބާންވީ އަހަރެމެންނަށް ދިރުން ހޯދައިދިނުމަށެވެ. އެ މަރުކަޒު ދުޝްމަނުންނަށް ފޫއަޅުވައިނުލެވުނީ އެ ޒުވާނާގެ އަގުހުރި ލެއިންނެވެ.

އެ ދުވަހު މި ފަސްގަނޑަށް ވެއްޓި ފުރާނަ ދޫކޮށްލި 19 ދިވެހިންނަކީ ހަމައެކަނި އަދަދެއް ނޫނެވެ. އެއީ ކޮންމެވެސް މައެއްގެ އުނގު ފަޅުކޮށްލި ލޯބިވާ ދަރިއެކެވެ. ކުޑަކުދިންތަކެއްގެ ބޮލުގައި ފިރުމައިދޭން ހުރި އޯގާތެރި ބައްޕައެކެވެ. މުޅި އާއިލާއެއްގެ ހުރި ހަމައެކަނި އުއްމީދެވެ. މަގުމަތީގައި ގަނޑުވެފައި ހުރި ކޮންމެ ލޭތިއްކަކީ މި ގައުމުގެ މިނިވަންކަމުގެ އަގެވެ.

ދަރިން ގެއްލުނު މައިންގެ ހިތްދަތި އާހާއި، ބައްޕަ ގެއްލުނު ޔަތީމު ކުދިންގެ ކަރުނަތަކުގެ އަޑު މިއަދުވެސް ދިވެހި ތާރީހުގެ ސަފުހާތަކުން އިވެމުންދެއެވެ.

އަހަރުތައް ފާއިތުވެ، ޒަމާންތައް ބަދަލުވަމުން ދިޔަޔަސް، ނޮވެމްބަރު ތިނެއްގެ ހިތްދަތި ހަނދާންތައް ދުވަހަކުވެސް ފަނޑެއް ނުވާނެއެވެ. އެއީ ހިތާމައިގެ ކަނޑެއް ނަމަވެސް، ދިވެހިންގެ އެއްބައިވަންތަކަމާއި ފަހުރުވެރި ނަސްރުގެ ދުވަހެވެ.

މިއަދު އަހަރެމެން އަމާންކަމާއެކު މި ނޭވާލާ ކޮންމެ ނޭވާއަކީ، އެ ދުވަހު ވެއްޓުނު ބަތަލުން ދޫކޮށްލި ފަހު ނޭވާއެވެ. މިއަދު މި ބޮލުމަތީގައި މިނިވަންކަމާއެކު ވިހުރޭ ފެހި، ރަތް، ހުދު ދިދައިގެ ރަތްކުލައަކީ، އެ ދުވަހު މި ގައުމަށްޓަކައި އޮހޮރުވައިލި ތާޒާ ލެއެވެ.

މާތް ﷲ އެ ދުވަހު ގައުމަށްޓަކައި ފުރާނަ ދިން އެންމެހައި ބަތަލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށިއެވެ. އަދި އަހަރެމެންގެ މި ލޮބުވެތި ވަތަން، އަބަދުމެ އަމާންކަމާއި މިނިވަންކަންމަތީ ލަހައްޓަވާށިއެވެ. އާމީން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް