ads
ހުޅުމާޅެ ފަޅުން ހިއްކާފައިވާ ސަރަހައްދެއް
ބިމުގެ ހިމާޔަތްތެރިޔަކީ ކާކު؟ ސިންގަޕޫރުގެ ތަޖުރިބާއިން ދިވެހިރާއްޖެއަށް ދަސްކުރެވިދާނެ ފިލާވަޅުތައް
ގައުމެއްގެ ބިން ކަނޑުން ހިއްކައިގެން އިތުރުކުރާއިރު، އުފެދޭ ސުވާލަކީ ހަމައެކަނި އެ ބިމުގައި ބިނާކުރާނެ އެއްޗަކާ ބެހޭ ސުވާލެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ބިމާމެދު ގޮތް ނިންމާނީ ކާކުތޯ އާއި، އަންނަން އޮތް ޖީލުތަކަށް އޭގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރާނީ ކާކުތޯ ކުރެވޭ ސުވާލު މާ މުހިންމެވެ.
Advertisement

ދިވެހިރާއްޖޭގެ ތާރީހުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެއާ ގުޅިގެން، ރާއްޖެއަށް މިއަދު މިވަނީ މި ސުވާލުތަކާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖެއަށްވުރެ މާ މުއްސަނދި އަދި ބޮޑު ސިޓީ-ސްޓޭޓެއް ކަމަށްވާ ސިންގަޕޫރުން ވަނީ މީގެ އެތައް އަހަރެއް ކުރިން މިފަދަ ސުވާލުތަކަށް ހަރުދަނާ ޖަވާބުތަކެއް ހޯދާފައެވެ. އެ ގައުމުގެ ތަޖުރިބާއަކީ އަޅުގަނޑުމެން ފުންކޮށް ވިސްނާލުން މުހިންމު ކަމެކެވެ.

  • ސިންގަޕޫރުގެ އުސޫލު: ބިމަކީ ރައްކާކުރެވިފައިވާ ރައުސްމާލެއް

ސިންގަޕޫރުގައި ދައުލަތުގެ ބިން ބަލަނީ ގައުމީ ރިޒާވްގެ މުހިންމު ބައެއްގެ ގޮތުގައެވެ. މި ސިޔާސަތުގެ ސަބަބުން އަމަލީ ގޮތުން ގިނަ ފައިދާތަކެއް ކުރެއެވެ.

ދައުލަތުގެ ބިން ހިލޭ ދޫކުރުމަކީ ނުވަތަ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް ވިއްކުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ކަމެއް ކޮށްފިނަމަ، ގައުމީ ރިޒާވްގެ އަގު ދަށްވެގެންދާނެތީއެވެ. އެފަދަ ނިންމުމެއް ނިންމަން ސަރުކާރުން ބޭނުންވެއްޖެ ނަމަ، އެ ގައުމުގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހެއެވެ. ސިންގަޕޫރުގެ ރައީސަކީ ބައެއް މުހިންމު ކަންކަމުގައި ދައުލަތުގެ މުދާ ހިމާޔަތްކުރުމުގެ ބާރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ބިން އަދުލުވެރި އަގެއްގައި ވިއްކުމުގެ އިޚްތިޔާރު އޮވެއެވެ. ނަމަވެސް، އެގޮތަށް ވިއްކައިގެން ލިބޭ ފައިސާ ދައުލަތުގެ އަހަރީ ބަޖެޓުގެ ތެރެއަށް އިތުރުކޮށް ޚަރަދު ކުރުމަކީ މަނާކަމެކެވެ. އެ ފައިސާ ސީދާ ޖަމާކުރަންޖެހެނީ ގައުމީ ރިޒާވް އަށެވެ. އެހެންކަމުން، ބިން ވިއްކުމަކީ އެއް މިލްކިއްޔާތު (ބިން)، އަނެއް މިލްކިއްޔާތަށް (ފައިސާ) ބަދަލުވުމެވެ. މީގެ ސަބަބުން ބިން ވިއްކައިގެން ލިބޭ ފައިސާ ބޭނުންކޮށްގެން ސަރުކާރުން އިތުރު ޚަރަދުތަކެއް ނުކުރެވޭނެއެވެ.

އަދި ގިނަ ބިންތައް ދޫކުރަނީ 99 އަހަރުގެ ލީޒް އުސޫލުންނެވެ. އެ މުއްދަތު ހަމަވުމުން، ބިން އަނބުރާ ދައުލަތަށް ލިބި، އަނެއްކާވެސް އެއީ ހިމާޔަތްކުރެވިފައިވާ މުދަލަކަށް ބަދަލުވެއެވެ.

މި ނިޒާމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަކީ ހައުސިންގް މަޝްރޫޢުތައް ރާވާ ނުވަތަ މަގު ހަދާނެ ތަންތަން ނިންމަވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ދައުރަކީ ވަރަށް ސާފު، ވަކި ދާއިރާއަކަށް އޮތް ޒިންމާއެކެވެ. އެއީ ދައުލަތުގެ އަގުހުރި މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، ގައުމީ ރައުސްމާލު ހިމާޔަތްކުރުމެވެ.

  • ދިވެހިރާއްޖޭގެ މިވަގުތު ހާލަތު

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ގާތްގަނޑަކަށް 500 ހެކްޓަރުގެ ސަރަހައްދެއްގައި ރަސްމާލެ ވޯޓާފްރަންޓް އަދި މެރީނާ ތަރައްޤީކުރުމަށްޓަކައި، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 99 އަހަރާ ހަމައަށް ދެމިގެންދާ މުއްދަތަކަށެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޢުލާންކުރި ގޮތުގައި، ރަސްމާލޭގެ ޖުމްލަ ބޮޑުމިނަކީ 1،153 ހެކްޓަރެވެ.

މި އެއްބަސްވުމުގެ ދަށުން ދޫކުރާ ކުއްޔަކީ މިލްކުވެރިކަން ދިނުން ނޫން ކަމަށާއި، ބިން އޮންނާނީ ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައި ކަމަށް ސަރުކާރުން ބުނެއެވެ. އަދި ބިން ވިއްކުމާއި ނުވަތަ ވާރުތަވުމުގެ ކޮންމެ މަރުހަލާއެއް ކުރިއަށްދާނީ ސަރުކާރުގެ ހުއްދައާއެކުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ހިމެނެނީ ފުރަތަމަ ވިއްކާ ޔުނިޓުތަކުން ލިބޭ އާމްދަނީގެ 10 އިންސައްތަ ސަރުކާރަށް ލިބުމާއި، އޭގެ ފަހުން ހިނގާ ކޮންމެ މުޢާމަލާތަކުން 4 އިންސައްތައިގެ ފީއެއް ނެގުމެވެ.

ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން މިކަމާ މެދު ސުވާލު އުފައްދައެވެ. މައިގަނޑު ބަހުސަކީ، މުދަލެއްގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން ގުނަން ފަށާނަމަ، އެއީ ޢަމަލީ ގޮތުން ބިން ވިއްކުން ފަދަ ކަމެއްގެ ގޮތުގައި ބެލެވޭތީއެވެ. ޑިވެލޮޕަރުގެ ފުރަތަމަ އިޢުލާނުގައި ބުނެފައިވަނީ، ކޮންމެ ފަހަރަކު ބިން ވިއްކާއިރު ނުވަތަ ވާރުތަވާއިރު އާ ކުލީގެ މުއްދަތެއް ފެށޭނެ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ފަހުން ހާމަކުރި ގޮތުގައި އެ މުއްދަތު އަމިއްލައަށް އާ ނުވާނެ ކަމަށާއި، އެކަމަށް ސަރުކާރުގެ ހުއްދައާއި އިތުރު ފީތަކެއް ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ އަގާއި އެކަން ކުރިއަށްދާ ގޮތާ މެދު ވެސް އިއުތިރާޒުތަކެއް ވަނީ އުފެދިފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޑިވެލޮޕަރަށް ދޫކުރާ ބައިގެ ބަދަލުގައި އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެއެވެ. އަދި މުޅި އެއްބަސްވުން ހާމަކުރުމަށް ވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެއްބަސްވުމުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދިވެސް އޮތީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުނުކުރެވޭ ގޮތަށެވެ. ބޮޑެތި ހިއްކާފައިވާ ބިންތަކުން ބޭރުގެ ފަރާތްތަކަށް މިލްކުވެރިކަން ދެވޭ ގޮތަށް 2015 ވަނަ އަހަރު ގެނައި އިޞްލާޙު 2019 ވަނަ އަހަރު ވަނީ އުވާލާފައެވެ. ނަމަވެސް، މި މައްސަލައާ މެދު އަލުން މަޝްވަރާކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

  • ފައިސާގެ މައްސަލަ މުހިންމުވާ ސަބަބު

މި ހުރިހާ ކަމެއް ހިނގަމުން މިދަނީ އިގްތިޞާދީ ގޮތުން ނާޒުކު ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރު ރާއްޖޭގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) 130 އިންސައްތައިގައެވެ. އައި.އެމް.އެފްގެ 2026 ވަނަ އަހަރުގެ ރިޕޯޓުގައި ވެސް ވަނީ ދަރަނި އަދާނުކުރެވުމުގެ ނުރައްކާ ބޮޑުކަން ފާހަގަކޮށްފައެވެ. ސަރުކާރުން އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަދާކުރުމުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދިވެސް އެބަހުއްޓެވެ.

މިއީ ދައުލަތުގެ މިލްކިއްޔާތުގައިވާ މުދަލާއި ވަސީލަތްތައް ވިއްކާލުމަށް ނުވަތަ ކުއްޔަށް ދިނުމަށް ބާރުލިބޭ ފަދަ ހާލަތެކެވެ. އަދި ހަމައެހެންމެ، މިއީ ގައުމުގެ މުދާ އެކަށީގެންވާ އަގަށްވުރެ ހެޔޮކޮށް ވިއްކާލުމުގެ ފުރުސަތު އެންމެ ބޮޑު ހާލަތުވެސް މެއެވެ.

  • ދިވެހިރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ބައްޓަންކުރެވިދާނެ ގޮތް

ދިވެހިރާއްޖޭގައި އޮންނަނީ ސިންގަޕޫރު ފަދަ ރިޔާސީ ނިޒާމެއް ނޫނެވެ. އަދި އެ ގައުމުގެ ނިޒާމު ކޮޕީކުރުމަކީ ވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، އެ ގައުމުން ގެންގުޅޭ ހަރުދަނާ އުސޫލުތައް ނަމޫނާއަކަށް ބެލިދާނެއެވެ. އެގޮތުން 

ގާނޫނީ ބާރުވެރިކަން ދިނުން: ހިއްކާފައިވާ ބިންތައް ހިމެނޭހެން ދައުލަތުގެ ހުރިހާ ބިމަކީ ހިމާޔަތްކުރެވިފައިވާ ގައުމީ މުދާ ކަމުގައި ގާނޫނުން ކަނޑައެޅިދާނެއެވެ. އަދި އެފަދަ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި، އަގުކުރާނެ ސާފު ނިޒާމެއް ގާއިމުކުރެވިދާނެއެވެ.

އަގު ކަނޑައެޅުމުގެ މިންގަނޑު: މިނިވަން މުއައްސަސާއަކުން ކަނޑައަޅާ އަގަށްވުރެ ކުޑަ އަގެއްގައި އެއްވެސް މުދަލެއް ކުއްޔަށްދޭނަމަ ނުވަތަ ބަދަލުކުރާނަމަ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ-މެޖޯރިޓީން ނިންމާ ނިންމުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ބަލަން ލާޒިމް ކުރުމަކީ ރައްޔިތުންނާއި ގައުމުގެ އަދި އަންނަން އޮތް ޖީލުގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކަނޑައަޅަންވާނެ އެވެ.

އާމްދަނީ ރައްކާތެރިކުރުން: ބިމުން ލިބޭ އާމްދަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރުން މަޖުބޫރު ކުރެވިދާނެއެވެ. އަދި ސަރުކާރަށް ހަރަދުކުރެވޭނީ އެ ފަންޑަށް ލިބޭ ފައިދާ އެކަނި ކަމަށާއި، ފަންޑުގެ މައިގަނޑު ރައުސްމާލުގައި އަތްނުލެވޭނެ ގޮތް ހެދިދާނެއެވެ.

ލޫޕްހޯލްތައް ބަންދުކުރުން: ބިން ވިއްކާއިރު ނުވަތަ ވާރުތަވާ ހާލަތްތަކުގައި، ކުލީގެ އެއްބަސްވުންތައް އަމިއްލައަށް އާ ނުވާނެކަން ގާނޫނީ ގޮތުން ކަށަވަރުކުރެވިދާނެއެވެ.

ސޮއިކުރުމުގެ ކުރިން ހާމަކުރުން: އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، މިނިވަން އޮޑިޓަކާއެކު އެއްބަސްވުމުގެ ތަފްސީލާއި އަގުކުރެވުނު ގޮތުގެ ރިޕޯޓުތައް އާންމުކުރުން ލާޒިމު ކުރެވިދާނެއެވެ.

  • ހާލަތުގެ އަނެއް ފަރާތް

މީގެއިތުރުން، މިކަމާ ގުޅޭގޮތުން ހުރި ހަމަޖެހޭ އިއުތިރާޒުތަކެއް ވެސް އެބަހުއްޓެވެ.

ސިންގަޕޫރުން އެގައުމުގެ ނިޒާމު ބިނާކުރީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަ ދުވަސްވަރެއްގައެވެ. ނަމަވެސް، ދަރަނި ބޮޑު ގައުމަކުން މިފަދަ މާލީ މިލްކިއްޔާތުތަކެއް ވަކި ގޮތަކަށް ހިފެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބަހުސްކޮށްފާނެއެވެ. ރަސްމާލެ މަޝްރޫއަށް ތާއީދުކުރާ ފަރާތްތަކުން ވެސް ބުނާ ގޮތުގައި، މަގުތަކާއި ކަރަންޓާއި އަސާސީ ހިދުމަތްތައް ނެތް ހިއްކި ބިމަކުން، ތަރައްގީވެފައިވާ ސިޓީއަކުން ލިބޭނެ ފަދަ އަގެއް ނުލިބޭނެއެވެ. އެހެންކަމުން، އެތަން ބިނާ ކުރުމަށް އަމިއްލަ ބައިވެރިންގެ އެހީތެރިކަން ބޭނުންވެއެވެ.

ސިންގަޕޫރުގެ މޮޑެލްއަށް ވެސް ފާޑުކިޔުންތައް އަމާޒުވެއެވެ. އެގައުމުގެ ރިޒާވް ބަލަހައްޓާ ގޮތުގެ ތަފްސީލު އާންމުންނަށް އެނގެން އޮންނަ މިންވަރު ކުޑަވުމާއި، ރައީސްގެ ދައުރު ހަނިވެފައިވާކަން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ. ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަށް ސިޔާސީ ގޮތުން ފުޅާ ދާއިރާއެއްގައި އެއްބަސްވުން ބޭނުންވާނެއެވެ. މިއީ މިފަދަ ގަވާއިދުތައް ފަރުވާތެރިކަމާއެކު އެކުލަވައިލަންޖެހޭ ސަބަބުތަކެވެ. ނަމަވެސް، މިއީ އެއްވެސް ގަވާއިދެއް ނެތި އޮތުމަށް އޮތް އުޒުރެއް ނޫނެވެ.

  • ޚުލާސާ

ކަނޑުން ހިއްކާ ބިމަކީ ހަގީގަތުގައި ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ހައްގެކެވެ. މީގެ ތެރޭގައި އަދި އުފަންނުވާ ޖީލުތައް ވެސް ހިމެނެ އެވެ. ރަސްމާލެއާ މެދު ސަރުކާރުން ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް، އޭގެ އެއްބަސްވުންތަކާއި އަގުތައް އާންމުންނަށް ފެންނަން އޮންނަންވާނެ އެވެ. އަދި މިއަދުގެ ދަރަނިތައް އަދާކުރަނީ މާދަމާގެ ޖީލުތަކުގެ ބިމުން ނޫންކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނަންވާނެ އެވެ.

ނޯޓް: މި ލިޔުމަކީ އާންމުކޮށްފައިވާ ރިޕޯޓުތަކާއި ރަސްމީ ބަޔާންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައިވާ ހިސާބުތަކާއި އުސޫލުތަކަކީ ލިޔުނުއިރު ހުރި މައުލޫމާތެވެ. އެހެންކަމުން، އެއްބަސްވުންތައް ނިމުމަކަށް އަންނައިރު މިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް