މި މައްސަލައާ ގުޅިގެން އައިމަން ހައްޔަރުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރު ނެރެފަ އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، އައިމަންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.