ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ 2024 ވަނަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ "އަހާ" ފޯރަމްގައި މުއްތަލިބް ރޭ ވިދާޅުވީ ހިއްކާފައި ހުރި ތަންތަނުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ގާއިމްކުރުމަކީ ހިއްކަން ދިޔަ ހަރަދަށް ވުރެ މާ ބޮޑު ހަރަދެއް ހިނގާ ކަންކަން ކަމަށެވެ.
ނަމަވެސް އެ މަސައްކަތް ނުފެށި ލަސްވަމުންދާތީ، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެމްޓީސީސީ އާއި މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސްއާ ގުޅިގެން ގުޅިފަޅުގައި ވީހާ ވެސް އަވަހަކަށް ފެނާއި ނަރުދަމާއަށް ބޭނުންވާ ނެޓްވޯކް މަސައްކަތް ފެށުން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރުމަށާއި ޕޯޓު ތަރައްގީކުރުމަށް ގުޅިފަޅުން 192 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފަ އެވެ. އެ ސަރަހައްދުން 3،500 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޫކޮށްފައިވާއިރު، ސަރުކާރުން ވަނީ ގޯތި ލިބުނު ފަރާތްތަކަށް ބިންތައް ހަވާލުކޮށްފަ އެވެ.
ގޯތި ލިބުނު ފަރާތްތަކަށް ވަށާފާރު ރޭނުމުގެ ހުއްދަ ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުތައް ހަމަޖައްސަމުންދާއިރު، އަސާސީ ޚިދުމަތްތައް ނިންމައި އެ ތަނުގައި އާބާދުވެވޭނެ ސީދާ ތާރީޚެއް އަދިވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.