މީރާއިން މި ނަންތައް އާންމުކޮށްފައިވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި ޑިސެންބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މިހާރު ވަނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ. މި ފަރާތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއާއި، މީޑިއާ ދާއިރާގެ އިތުރުން ހާޑްވެއާ ވިޔަފާރިތައް ހިމެނެ އެވެ.
މީރާއިން ހާމަކުރި ގޮތުގައި، މި އުސޫލުގެ ދަށުން ނަންތައް ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ދީފައެވެ. އަދި އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެކަން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މީގެއިތުރުން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޓެކްސް ބަޔާން އަދިވެސް ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހެޅުމަށާއި، ފައިސާ ނުދައްކާ ހުރި ފަރާތްތަކުން ލަސްނުކޮށް ފައިސާ ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.