ފުލުހުން ނެރުނު ބަޔާނެއްގައި، ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމާފައިވާ އެއްވުމާ ގުޅޭގޮތުން ބުނީ، އެ ކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ކުރިން އެންގުމަކާ ނުލާ އެއްވުމަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް އިލްތިމާސްކޮށް ފުލުހުން ވަނީ އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އަންގައިފަ އެވެ.
ފުލުހުން ބުނީ މިފަދަ އެއްވުންތަކުގެ ސަބަބުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންވެ، މިރޭގެ އެއްވުން އެއްވެސް ފަރާތަކަށް ދަތިނުވާނެ ގޮތަށް ގާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެއްވުން ބާއްވަނީ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުން ގަރާރެއް ފާސްކޮށް، ސަރުކާރުން ވޯޓެއް ނުނަގައިފިނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމާފައި ވަނިކޮށެވެ.