މި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުގެ އެންމެހައި ހަރަދުތައް ހަމަޖައްސައިދެނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ ފަރާތުންނެވެ. މި ފުރުސަތުގެ ދަށުން، ޗައިނާގެ ފާހަގަކޮށްލެވޭ 92 ޔުނިވަރސިޓީއަކުން ހިންގާ އެކި ދާއިރާތަކުގެ ކޯސްތަކުގައި ތައުލީމު ހާސިލުކުރުމުގެ މަގު ދިވެހި ދަރިވަރުންނަށް ތަނަވަސްވެގެންދާނެ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނި ގޮތުގައި، މި ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާ، އުމުރުން 45 އަހަރު ނުފުރޭ ދިވެހި ރައްޔިތުންނަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް ޝައުޤުގުވެރިވާ ފަރާތްތަކުން، ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 29 ވާ ދުވަހުގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
މިނިސްޓްރީން ވަނީ، ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަން ޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ އަދި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކަށަވަރު ކުރަން ވެސް ހަނދާންކޮށްދީފަ އެވެ.