ads
ކައްވަޅުގެ ކަސްތަޅު 9
އެޕިސޯޑް 09
Advertisement

ކޮޓަރީގެ އަނދިރި ކަމުގެ ތެރޭގައި އަސްނާ ތައްޔާރުވެލި އެވެ. 

އެނދުގައި އޮށޯތެވެ. 

ކޮނޑާއި ހަމައަށް ރަޖާގަނޑު އުފުލައި، ބޮލާއިއެކު ނިވާކޮށްފި އެވެ. 

ފޯނުގެ ސްކްރީނުން ދިއްލިފައިވާ އަލިކަމެއް ނޫނީ އެ ކޮޓަރީގައި ނުވެ އެވެ. މަގުތަކުގައި ހޭބޯނާރާ ދުއްވަމުންދާ ވެހިކަލުތަކުން ބަރުގޮނު އަޅާ އަޑެއްވެސް ނީވެ އެވެ. ބަޔަކު ވާހަކަ ދައްކައި ދުވެހަދާ އަޑެއްވެސް މިރޭ މަގުމަތީން ނީވެނީ އެވެ. 

އޭނާގެ ވަށައިގެން ހިމޭންކަން ނޫނީ ނެތެވެ. 

ވިސްނުންތެރިކަމާއެކު 'ޗެޓް އެޕް' ހުޅުވައިލި އެވެ. ކަސްތަޅު ގުރޫޕުގައި އޮންލައިންކޮށް ފަސް މެންބަރުން އެބަތިއްބެވެ.

ކުރިއެކޭ ތަފާތެއް ނެތެވެ.

އަސްނާގެ ދެ ލޯ ސްކޭން ކުރަމުން ދިޔައީ ޗެޓް ލޮގެވެ. ތަފާތެއް ފާހަގަ ކުރެވޭތޯ އެވެ. ވަކި އަމާޒެއް ނެތެވެ. 

ޝައްކު އުފެދޭ ފަދަ މީހަކު ނުވަތަ މެންބަރެއްގެ ކިބައިން އެފަދަ ކަމެއް ފާހަގަކުރެވޭތޯ މިރޭ އަސްނާ ބަލާނެ އެވެ. 

ފެންނަ ފެނުމަށް މެސެޖުތައް ކުރިއަށް ދަނީ ރަގަޅަށެވެ.

ގުރޫޕުތެރޭގައި ބައެއް ސަމާސާތައް ވިހަވަމުން، ބައެއް ކުދިންގެ ކޯލްތައް ރެކޯޑްކުރަމުން ދިޔަ އެވެ. ބިރުވެރިކަމުގެ ތެރެއިން ހަވާލުކުރާ ކަންކަންވެސް ފުރިހަމަ ކުރަމުން ހަމަޖެހިފައިވާ ވަގުތާއި ހަމައަށް އޮންލައިންގައި ތިބެވޭތޯ ވާހަކަ ދައްކަމުން ދިޔަ އެވެ. 

ސިކުނޑިއަށް އުނދަގޫވާ ފަދަ ކަމެއް އަދި ނުފެނެ އެވެ.

އިންތިޒާރު ކުރަމުން ދިޔައީ ވިސްނުން ތެރިކަމާއި ނުތަނަވަސްކަމާއެކު އެވެ.

ކޮންމެ މެސެޖެއް ތަކުރާރުކޮށް ކިޔެވެ. 

ތިރިން މައްޗަށްވެސް 'ސްކްރޯލް' ކުރި އެވެ.

ތަފާތެއް ނެތެވެ.

ފޯނުގެ ސްކްރީން ނިވިދިއްލުމެއް ނެތެވެ.

ފެންނަމުންދިޔަ މެސެޖްތައް ކޮޅުކޮޅަށް އެނބުރުމެއް ނެތެވެ.

ދެއްކި އެއްވެސް ވާހަކައެއް ފޮހެވިފައެއް ނެތެވެ.

މުޅި ގުރޫޕުގައި ހަތަރު މީހުންގެ ނަމެވެ. ދެން އިނީ 'ހިމޭން އަސްނާ' އެވެ.

އެންމެ އަކުރެއް 'ޓައިޕް'ކުރާންވެސް އަސްނާ މަސައްކަތެއް ނުކުރި އެވެ. ދައްކަމުންދާ ވާހަކަތަކާއި ކުރަމުންދާ ބަހުސްތަކާއި ހޫނު ޒުވާބުތަކުގައި ބައިވެރިވުމަށް އޭނާގެ ނަފުސު ތައްޔާރެއް ނޫނެވެ.

ފޯނުގެ ކީބޯޑްގައި އޭނާގެ އިނގިތައް ބީއްސާލި އެވެ.

ރަޖާ ގަނޑުގެ ތެރެއިން އަސްނާގެ މޫނު ދުށުމަށް، މި ވަގުތު އެހެން ލޯ ތަކަށް ފަސޭހައެއް ނުވާނެ އެވެ. އަނދިރި ކަމުގެ ތެރޭގައި ފައުޅުވާ ގުނަވަންތައް އެކުސްރޭ ފިލްމަކުން ބެލުމެކޭ ތަފާތެއް ނެތެވެ.  ހޭވިފައިވާ އިސްތަށިގަނޑާއި ދެ ލޮލުގެ އެސްފިޔަތަކުގެ ހަރަކާތް ފެންނަމުން ދިޔައީ މަޝްހޫރު ބިރުވެރި ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. ނުތަނަވަސް ނޭވާގެ ސަބަބުން މޭމަތީގައި ހަރަކާތެއް ހުއްޓަސް، އެއީ ދިރުމެއް ނެތް ނަފުސެއް ފަދަ އެވެ. 

ރޫ އަރުވާލާފައިވާ ނިއްކުރީގެ ހަރަކާތް ބަދަލުވެއްޖެ އެވެ. 

އޭނާގެ ވިސްނުމުގައި ޓައްކެއް ޖަހައިފިކަން ކަށަވަރެވެ.

އަސްނާގެ ހާއްސަ ފޯލްޑަރ 'ކަފުނުގެ ކަސްތަޅު' ހުޅުވައިލި އެވެ. ހުރިހައި ސްކްރީން ޝޮޓްސް ރައްކާކުރެވިފައިވާ 'ފޮށްޓަކީ' އެއީ އެވެ.

ގޯހެއް ނެތެވެ. ކުރިއާއި ތަފާތެއް ނެތެވެ.

އަނެއްކާވެސް ސަމާލުކަން ހުއްޓައިލީ ހިނގަމުންދިޔަ ކަންކަމަށެވެ.

ކޮޓަރީގައި އަޑެއް ނެތަސް، ލަސްވެފައިވާ ނޭވާގެ ބަރުކަމަށް ލުއެއް ނުވި އެވެ.

ސުވާލުތައް ބައިވަރެވެ. ނެތީ ޖަވާބެކެވެ. އަދި ޖަވާބު ލިބޭނެ ގޮތެކެވެ.

އުނިކަމެއް ނެތި، މިރޭ ހުރިހައި ކަމެއް ފުރިހަމަވީ ކީއްވެ ހެއްޔެވެ؟

ނޫނީ....... އޭނާއަށް ކަމެއް ފާހަގަކުރާން ނޭގުނީ ހެއްޔެވެ؟

ހަމަ އެވަގުތު އަސްނާގެ ނަން އޭނާގެ ލޮލުގައި އަޅައިގަތެވެ.

އައިމާ:އަސްނާ އެބައިނިންތަ؟

އަސްނާގެ މޭ ފަޅާފައި ހިތް، ބޭރަށް ނިކުތް ފަދަ އެވެ.

ފޯނުގެ ސްކްރީން ލޮލާއި ކައިރި ކޮށްލާފައި އެ މެސެޖަށް ބަލައިލި އެވެ.

މެސެޖަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި ކީބޯޑުގައި އިނގިލި ޖައްސައިލި އެވެ. އިނގިލީގައި ތުރުތުރެއް ހުރިކަން އޭނާއަށް ފާހަގަ ނުކުރެވުނީ މުޅި މީހާ  ތުރުތުރު އަޅާތީ އެވެ.

އަސްނާ:ޔެސް

ހަމަ އެންމެ ތިން އަކުރެވެ.

ދެ ބުމަ ދޭތެރެއަށް ރޫ ބޮނޑިކޮށްލާފައި ސްކްރީނަށް ބަލައިލި އެވެ. 

މެސެޖް ހިގައްޖެ އެވެ. ފުރަތަމަ މެސެޖެވެ. 

ގުރޫޕު ޗެޓެއްގައި ފުރަތަމަ ފަހަރަށް އަސްނާ ބައިވެރިވީ އެވެ.

އެ މެސެޖަށް ބަދަލައެއް އާދޭތޯ އޭނާ ފާރަވެރިވި އެވެ.

އެއްވެސް ބަދަލެއް ނައި އެވެ. 

އަސްނާގެ ހިތަށް ތޫނު ތަދެއް އިހްސާސް ވެއްޖެ އެވެ. ސިކުނޑިއަށް ތުރާވެއްޖެ އެވެ. 

ހުރިހައި ކަމެއް މިހައި 'ފުރިހަމަވުމަކީ'  ތުނަވަސް ކަމެކެވެ. އެއީ މައްސަލައެކެވެ!

ކަމެއް ނުވަތަ ކަންތައްތަކެއް ރަގަޅު ނޫން ކަން، އޭނާގެ ޒަމީރު ވިސްނައިދީފި އެވެ

ނުތަނަވަސްކަން ވީ އިތުރެވެ.

ކަމެއް ނުހިނގުމަކީ ކުރީ ރެއަށް ވުރެން އެތައް ގުނައެއް ކަންކަން ގޯސްވުން ކަމަށް އޭނާއަށް ވިސްނުނެވެ.

ފެށިގެން ނިމެންދެން އެތަށް ފަހަރަކު ކިޔައިފި އެވެ. މިރޭގެ ޗެޓްތައް އަސްނާ ހިތުދަސްވާހައި ވެއްޖެ އެވެ.

ފާއިތުވެގެން ދިޔައީ ކިތައް ގަޑީރު ކަމެއް ނޭގެ އެވެ.

އިންތިޒާރު ކުރުމާއި، ބަލައި ދިރާސާ ކުރުމުގައި އެވެ.

ސްކްރީން ކަޅުވުމެއް ނުވަތަ ހުދުވުމެއް ނެތެވެ. އެއްވެސް މީހަކު މިރޭ އޮފްލައިންވެސް ނުވި އެވެ.

ދެ ލޮލާއިއެކު އެސްފިޔަތަށް ބަރުވެގެން ދިޔައިރެއްވެސް  ނޭގުނެވެ. ލޯ މައްޗަށް ފަރުދާ ކެހިއްޖެ އެވެ. 

ފޯނުގެ ސްކްރީނަށް އައި ބަދަލު ފެނުނު ނަމަ އަސްނާގެ ލޮލަށް ނިދި އައީސް ބާ އެވެ؟ އޭނާގެ އެސްފިޔަތަށް ލެއްޕުމުގެ ކުރިއަށް ސްކްރީން ނިވި ދިއްލުނެވެ. އެންމެ ފަހަރަކު ނޫނެވެ. ހަމައެކަނި ކަޅާއި ހުދު ކުލައަކުން ނޫނެވެ. މިރޭ ރަތް ކުލަވެސް ފައުޅުވެއްޖެ އެވެ! އެކަން ތަކުރާރުވެސް ވި އެވެ. 

ފޯނު ނިވުނީ ޗާޖު ހުސްވެގެން ނޫނެވެ. 

ކުއްލިޔަކަށް ފޯނުގެ 'ކޮންޓްރޯލް' ބަދަލުވީ އެވެ. (ނުނިމޭ)

................

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް