ads
އަބެލް ގަމާރާ
ފުޓުބޯޅައަކުން ޖެހި ޒުވާން ކުޅުންތެރިއަކު މަރުވެ އާޖެންޓީނާއަށް ބޮޑު ސިހުމެއް!
މެޗެއްގެ ތެރެއިން ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކަށް ފަރުވާ ދެނިކޮށް، އާޖެންޓީނާގެ އުމުރުން 18 އަހަރުގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އަބެލް ގަމާރާ ނޫނޭޒް މަރުވެއްޖެ އެވެ.
Advertisement

އޭނާ މަރުވެފައިވަނީ ފުޓުބޯޅަ މުބާރާތެއްގެ މެޗެއްގައި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށެވެ. 

މި ހާދިސާ ހިނގާފައިވަނީ އާޖެންޓީނާގެ ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގައި އެފްސީ އެޒެއިޒާ ތަމްސީލުކޮށް، ޑިޕޯޓިވޯ މުނީޒާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މެޗު ކުރިއަށް ދަނިކޮށް އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކު ބާރަށް ޖެހި ބޯޅައެއް އަބެލްގެ ބޮލުގައި ޖެހުމާއެކު އޭނާ ވަނީ ވަގުތުން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިފައެވެ.

މި ހާދިސާއަށްފަހު އަބެލް ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު އިރު، އޭނާގެ ބޮލަށް ލިބިފައިވާ ސީރިއަސް އަނިޔާއާއި އެތެރެހައްޓަށް ލޭ އެޅިފައިވާތީ އެމަޖެންސީ ސާޖަރީއެއް ވަނީ ކޮށްފަ އެވެ. ނަމަވެސް، އަނިޔާގެ ސީރިއަސްކަމުން ފަރުވާ ދެމުން ދަނިކޮށް ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން އޭނާ ވަނީ މަރުވެފަ އެވެ.

ފުޓުބޯޅައިގެ އިތުރުން އަބެލް އަކީ ފުޓްސަލް ކުޅުމުގައިވެސް ހަރަކާތްތެރިވަމުން އައި ޒުވާން ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ކްލަބް ނުއެވާ އެސްޓްރެއްލާއަށްވެސް ފުޓްސަލް ކުޅެދީފައެވެ.

އުމުރުން އެންމެ 18 އަހަރުގައި އަބެލް ދުނިޔެ ދޫކުރުމާ ގުޅިގެން އޭނާގެ އާއިލާއަށާއި އެކުގައި ކުޅުނު ޓީމުގެ ކުޅުންތެރިންނަށް ވަނީ ފުން ހިތާމައެއް ލިބިފަ އެވެ. އަދި މި ހިތާމަވެރި ހާދިސާއާއެކު މުޅި އާޖެންޓީނާގެ ފުޓުބޯޅަ އާއިލާއަށް ވަނީ ބޮޑު ސިހުމަކާއި ހިތާމައެއް ކުރިމަތިވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް