ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ކުރިމަތީ ޒަމާނުއްސުރެ ހުރި ދަތި އުނދަގޫ ކަންކަމުގައި ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ ސުވާލުކޮށް، ޖުމްހޫރީ ދަތުރުގެ ބައެއް ހަނދާންތައް އާކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ތަރައްގީގެ ބޮޑެތި ފިޔަވަޅުތަކާ ދެކޮޅަށް މަދު ބަޔަކު ނުކުތް ނަމަވެސް ގިނަ ރައްޔިތުން އެ ބަދަލުތަކަށް މަރުހަބާ ކިޔައި، އެކަންކަމުގެ ފޮނި މީރު ނަތީޖާ މުޅި ގައުމަށް ލިބިފައިވާކަން ތާރީހީ ހާދިސާތަކުން ރައީސް ވަނީ ހެކި ދައްކަވައިދެއްވާފަ އެވެ.
އެގޮތުން ފުރަތަމަ ރައީސް މުހައްމަދު އަމީން އަންހެން ކުދިންނަށް ތައުލީމު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތާއި، ރަށްރަށުގައި ފުޅާ މަގުތައް ކެނޑުއްވުމުގެ މަސައްކަތަށްވެސް ބަޔަކު ހުރަސް އެޅި ނަމަވެސް، ރައްޔިތުންގެ ތާއީދާ އެކީ އެ ދެ ކަންވެސް ހަގީގަތަކަށްވެ، ގައުމަށް ލިބުނީ ފައިދާކަން ރައީސް ފާހަގަކުރެއްވި އެވެ.
އިސްކުރަނީ ގައުމީ ވިސްނުންކަން ސާފުވާ ކަމަށާއި ދިވެހިން ވަނީ ހޭލުންތެރިކަމާއި މަދަނީ ތަރައްގީއަށް ބޮޑު ތަރުހީބެއް ދީފައި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ އެ މަނިކުފާނުގެ ތަރައްގީގެ ސިޔާސަތު ބައްޓަންކުރައްވާފައި ވާނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރެވި، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުވެ، މޫސުމީ ގޮންޖެހުންތަކުގެ ކުރިމަތީ ވިލުންތެރި، އީޖާދީ އިގުތިސާދެއް ލިބިފައިވާ ތަހުޒީބު ރާއްޖެއެއް ބިނާކުރެއްވުމުގެ ތަސައްވުރުވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކުގެ އަސްލަކީ، ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންގެ އުއްމީދީ ވިސްނުމާއި އެކުވެރި އަހުވަންތަކަން އަދި އަމާން ކަމެވެ.
ޖުމްހޫރީ ދުވަހުގެ މި ޖަލްސާގައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 56 ބޭފުޅަކާއި މަތީ ދަރަޖަ ހޯއްދެއްވި 57 ބޭފުޅަކަށް ރައީސް ވަނީ އިނާމު ދެއްވައިފަ އެވެ.